އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން ކޮޅަށް ޖެހި ދެލަނޑާއެކު ބާސެލޯނާގެ ލިއޮނަލް މެސީގެ ރެކޯޑާއި ގާތަށް ސަލާޙް ޖެހިލައިފިއެވެ.
ރޭ ސައުތުހެމްޓަން ކޮޅަށް ޖެހި ދެލަނޑާއެކު ސަލާޙް މިސީޒަންގައި އަމިއްލަ ދަނޑުގައި ޖެހި ލަނޑުގެ އަދަދު 12 އަށް އަރާފައިވާއިރު، 2017 ވަނަ އަހަރު ސަލާޙް ލިވަޕޫލްއާއި ގުޅުނު ފަހުން ޔޫރަޕްގެ ގަދަ 5 ލީގުން ހޯމްގައި ސަލާޙަށްވުރެ އިތުރަށް ލަނޑުޖެހިފައިވަނީ މެސީ އެކަންޏެވެ. މެސީ ކޭމްޕްނޯގައި 51 ލަނޑު ޖަހާފައިވާއިރު، ސަލާޙްވަނީ އެންފީލްޑްގައި 44 ލަނޑު ޖަހާފައެވެ. ސަލާޙްވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 70 ލަނޑު ކާމިޔާބުކޮށްދީފައެވެ.
? @MoSalah is coming for your @LFC Premier League tally, @themichaelowen#LIVSOU pic.twitter.com/CwywSaJn7p
— Amazon Prime Video Sport (@primevideosport) February 1, 2020
ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ލިވަޕޫލްއަށް 22 ޕޮއިންޓްގެ ލީޑެއް ލިބޭއިރު، މިއީ އިނގިރޭސި ތާރީޚުގައިވެސް އެއްވަނާގައި އޮތް ޓީމު މިހާ ބޮޑު ލީޑެއްގައި އޮތް ފުރަތަމަ ފަހަރެވެ.
އެންފީލްޑްގައި ރޭ ސައުތުހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.
އެހެންނަމަވެސް ދެވަނަ ހާފުގައި ތަފާތު ކުޅުމެއް ދެއްކި ލިވަޕޫލުން ދެވަނަ ހާފު ފެއްޓުމާއެކު ޗެމްބަލިން ކާމިޔާބުކޮށްދިން ލަނޑާއެކު ލީޑު ނެގިއެވެ. އަދި 60 ވަނަ މިނަޓްގައި ހެންޑަސަން ކާމިޔާބުކޮށްދިން ލަނޑާއެކު ލީޑު އިތުރަށް ފުޅާކުރިއެވެ.
ލިވަޕޫލްގެ އަނެއް ދެލަނޑު ޖަހާދީފައިވަނީ މުޙައްމަދު ސަލާޙްއެވެ. މިސީޒަންގެ ޕްރިމިއާ ލީގުގައި ސަލާޙް މިހާތަނަށް 14 ލަނޑު ޖަހާފައިވާއިރު، 6 އެސިސްޓް ހަދާފައިވެއެވެ. މިސީޒަންގެ ޕްރިމިއާ ލީގު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގައި ސަލާޙް އޮތީ ތިންވަނާގައެވެ. 17 ލަނޑާއެކު ވާޑީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް އަގުއޭރޯ 16 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
25 މެޗުން ލިބުނު 73 ޕޮއިންޓާއެކު ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތްއިރު، ދެވަނާގައި އޮތް ސިޓީއަށް 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ލިވަޕޫލްއިން މިސީޒަންގައި ލީގު މެޗެއްގައި ބަލިވެފައިނުވާއިރު، މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން 24 މެޗުންވަނީ މޮޅުވެފައެވެ. ރޭގެ މޮޅާއެކު އެ ޓީމުން ވަނީ ލީގުގައި ބަލިނުވެ 42 މެޗު ހަމަކޮށްފައެވެ.
								
											


														
														
														
														
														
														