ހާޖަރާގޭ ލުޠުފީ ރާއްޖެ ގެނައުމަށް ފުލުހުންގެ ޓީމެއް ލަންކާގައި

19 ދިވެހިން ޝަހީދުކޮށްލި އުފުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ، ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް އަވަށްޓެރި ސްރީލަންކާގައި ހަރަކާތްތެރިވަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ދާދި ދެންމެ ވިދާޅުވީ، ލުޠުފީ އަނބުރާ ރާއްޖެ ގަނައުމަށް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މިއަދާ ހަމައަށް ފުރިހަމަކުރެވިފައި ނުވާ ކަމަށެވެ.

"ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މިއަދާ ހަމައަށް ފުރިހަމަކުރެވިފައި ނެތްނަމަވެސް، މިސަރވިސް އިން އުއްމީދުކުރަނީ އެ ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ޢަބަދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނެވޭނެ ކަމަށް." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނެސް މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއާ ހަވާލުކުރުމަށްޓަކައި ފުލުހުންގެ ޚާއްޞަ ޓީމެއް މިހާރު ސްރީލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، 48 ގަޑިއިރު ތެރޭގައި ލުޠުފީ ރާއްޖެ ގެންނާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ލުޠުފީ ރާއްޖެ ގެނެވިފައެއް ނުވެއެވެ.

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެންމެ އަޑީގައި ހުރިއެކަކެވެ. މިދިޔަ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ޙާޟިރުވުމުން އޭނާ ފުލުހުންގެ ބެލެހެއްޓުމުގެ ދަށަށް ގެނެވިފައިވާކަން ފުލުހުން ނެރުނު ބަޔާނެއްގައިވަނީ ވިދާޅުވެފައެވެ.

ލުތުފީ ހޯދަން ފުލުހުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސްވެސްވަނީ ނެރެފައިވާއިރު، ބޭސްފަރުވާއަށް 2010 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއިން ބޭރަށްދިޔަ ލުތުފީ ލަންކާގައި ދިރިއުޅެމުން އަންނަނީ ފިލައިގެންނެވެ.

ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ