އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

ޞަދަޤާތަކީ ކަށްވަޅުގައި ސަވާބާއި ދަރުމަ ލިބޭކަމެއް

ޞަދަޤާތް ކުރުމަކީ ކަށްވަޅުގައި ސަވާބާއި ދަރުމަ ލިބިލިބި ހުންނާނޭ ކަމެއް ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، އިންސާނާ މަރުވުމުން ޘަވާބު ލިބިލިބި ހުުންނާނޭ ތިން ކަމެއް ވާކަމަށާއި، އެއީ ދިރިތިބީންނަށް ފައިދާހުރި އިލްމެއް ދޫކޮށްފައި ދިއުމާއި، އިސްލާމީ މިންގަނޑަށް ފެތޭގޮތަށް ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އިތުރުން ހުއްޓުމެއްނެތި ދެމިގެންދާފަދަ ޞަދަގާތް ކުރުން ކަމަށެވެ.

"އިންސާނާ މަރުވުމުން، ތިން ކަމަކުން ފިޔަވައި ދުނިޔެމަތީގައި އޭނާ ކޮށްއުޅުނު ޢަމަލުތައް ހުއްޓުނީއެވެ. އެއީ، ދެމިގެންދާ ޞަދަޤާތަކުން، ނުވަތަ ދޫކޮށްފައިވާ ފައިދާހުރި އިލްމަކުން ނުވަތަ ތިމާއަށްޠަކައި ހެޔޮ ދުޢާ ކުރާ ޞޯލިޙު ދަރިއެއްގެ ކިބައިން މެނުވީއެވެ" ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

ﷲ ގެ މަގުގައި ހޭދަކުރުމަކީ، ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ، ﷲ ރުހުވޮޑިގަތުމާއި، އެކަލާނގެ ޙަޟްރަތުން ފުއްސެވުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް އަދި ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އޮތް ތަނަވަސް ފުރުޞަތެއް ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"އަދި ތިޔަބައިމީހުން (ޢެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުޤުދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އިތުރު ވަޙީ ބަސްފުޅެއްގެ މާނައިގައި ވަނީ، "އަދި އެތަކެއްޗާ މެދު، އެކަލާނގެ ތިޔަބައިމީހުން ޚަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމާވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުއްޓެވެ." ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ، އިންސާނުންނަނީ މުދަލަށް ލޯބިކުރުން ގަދަ ބައެއް ކަމަށްވީހިނދު، ސަލާމަތާއި ފަލާޙާއި ކާމިޔާބު އޮތީ ހަވާނަފްސާ ދެކޮޅަށް ﷲ ގެ މަގުގައި ހޭދަކުރުމާއި، އަމިއްލަ އެދުންތައް އެއްކިބާކޮށް އެކަލާނގެ ރުހިވޮޑިގަތުން ލިބޭތޯ ޞަދަގާތްކޮށް އުޅެގެން ކަމަށެވެ.

"އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ." މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ނަމަވެސް، ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ބަޚީލުވެ ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"އަދި ދަހިވެރިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށް ހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރި މީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަން ހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭ ހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސް ކަމެއް ދުއްފައެއް ނުދޭނެތެވެ." ދަހިވެރިކަމުގެ ބިރުވެރިކަން ބަޔާންކޮށް މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މުދަލަކީ އިމްތިހާނެއް އަދި ވަގުތީ އެއްޗެކެވެ. ތިމާއަށް ފައިދާކުރާނީ އެމުދާ ހޭދަކުރަންޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ