ކޮޕާއެމެރިކާ - 10 މީހުންނާއެކު ކުޅުނު ޕެރެގުއާއީ ޕެނަލްޓީން ބަލިކޮށް ބްރެޒިލް ސެމީއަށް

ކޮމާއެމެރިކާގައި މިއަދު ކުޅެވުނު ކުއާޓާ ފައިލް މެޗުގައި، 10 މީހުންނާއެކު ކުޅުނު ޕެރެގުއާއީ ޕެނަލްޓީ ޖަހައިގެން ބަލިކޮށް ބްރެޒިލް ސެމީއަށް ދަތުރުކޮށްފިއެވެ.

މެޗުގެ 58 ވަނަ މިނަޓްގައި ޕެރެގުއާއީގެ ޑިފެންޑަރު ފަބިއަން ބަލްބޯނާއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ޕެރެގުއާއީއިން ފުރިހަމަކޮށްފައިވަނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ޕެނަލްޓީ އޭރިއާ ލައިން ކުރިމަތިން ފަބިއަން ކުރި ފައުލަށް ރެފްރީ ފުރަތަމަ ދިނީ ބްރެޒިލްއަށް ޕެނަލްޓީއެކެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެއީ އޭރިއާ ބޭރުންކުރި ފައުލެއްކަމަށް ނިންމާ ފަބިއަންއަށް ސީދާ ރަތެއް ދެއްކިއެވެ.

މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅު ބްރެޒިލްއިން މުޅިމެޗުގައި ޖުމްލަ 26 ހަމަލާވަނީ ފޮނުވާލާފައެވެ.

ޕެރެގުއާއީގެ ޑިފެންޑަރު ފަބިއަން ބަލްބޯނާގެ ފައުލް - ފޮޓޯ: ގޯލް.ކޮމް

އަދި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްވެސް ބްރެޒިލްއަށްވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ބްރެޒިލްގެ ގިނަ ހަމަލާތައް ޕެރެގުއާއީގެ ކީޕަރު ފާނަންޑޭޒްވަނީ ދިފާޢުކޮށްފައެވެ.

ޕެރެގުއާއީން އެޓޭކަށްވުރެ ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނު މިމެޗުގައި، މުޅި މެޗުގައިހެން ބޯޅަ އޮތީ ޕެރެގުއާއީ ހާފުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނެތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެރެގުއާއީގެ ދެ ޕެނަލްޓީ ނާކާމިޔާބުވެފައިވާއިރު، ބްރެޒިލަށް ކާމިޔާބުނުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

ބްރެޒިލްގެ ކީޕަރު އެލިސަން - ފޮޓޯ: ފޮކްސް ސްޕޯޓްސް

ޕެރެގުއާއީގެ ކެޕްޓަން ގުސްޓާވޯ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަންވަނީ ދިފާޢުކޮށްފައެވެ. ޕެރެގުއާއީން ކާމިޔާބުނުކުރެވުނު އަނެއް ޕެނަލްޓީއަކީ އެމީހުންގެ ފަސްވަނަ ޕެނަލްޓީއެވެ. މިޕެނަލްޓީ ގޮންޒަލޭޒް ފޮނުވާލިއިރު ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ބްރެޒިލްއަށް ކާމިޔާބުނުކުރެވުނު ހަމައެކަނި ޕެނަލްޓީއަކީ އެޓީމުގެ ފޯވާޑު ފިރްމީނޯ ފޮނުވާލި ޕެނަލްޓީއެވެ. ހަތަރު ވަނައަށް ބްރެޒިލްޖެހި މިޕެނަލްޓީގައި ފިރްމީނޯ ފޮނުވާލި ބޯޅަވެސްވަނީ ގޯލާ އަމާޒުވާގޮތް ނުވެފައެވެ.

ސެމީގައި ބްރެޒިލްއާއި ވާދަކުރާ ޓީމެއް އެނގިގެންދާނީ ކުއާޓާގައި މިރޭ އާޖެންޓީނާ އަދި ވެނެޒުއޭލާ ބައްދަލުކުރާ މެޗަށްފަހުގައެވެ. ކުއާޓާގެ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ