ކޮޕާ އެމެރިކާ ކުއާޓާފައިނަލްގެ ރޭ ވެނެޒުއޭލާއާ ބައްދަލުކުރި މެޗުން މޮޅުވެ އާޖެންޓީނާ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.
2-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި މިމެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނަޓްގައި ޖަހައިދިނީ އިންޓަމިލާންއަށް ކުޅެމުން އަންނަ ލޮޓާރޯ މާޓިނޭޒްއެވެ. އަގުއެރޯ ފޮނުވާލި ބޯޅައެއް ޕެނަލްޓީ އޭރިއާ އެތެރެއިން މާޓިނޭޒް ގޯލް ތެރެއަށް ފޮނުވާލީ ފުންނާބުން ޖަހައެވެ. މާޓިނޭޒް ފޮނުވާލި އިތުރު ހަމަލާއެއް ވެނެޒުއޭލާގެ ގޯލް އަރިމަތީ ދަނޑިއާވެސް އަމާޒުވެފައިވެއެވެ،
އާޖެންޓީނާގެ މެޗުގައި ޖެހި ދެވަނަ ލަނޑަކީ ވެނެޒުއޭލާގެ ކީޕަރު ފަރިނޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އާޖެންޓީނާގެ ޖިއޮވާނީ ލޮސެލްސޯ ޖެހި ލަނޑެކެވެ.

މުބާރާތުގެ ކުރީގެ މެޗުތަކާއި ޚިލާފަށް ރޭގެ މެޗުގައި އާޖެންޓީނާއިން ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.
ވެނެޒުއެލާއަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އޭރިއާތެރެއިން ވެނެޒުއޭލާގެ ރޮނަލްޑް ހަނަންޑޭޒް ފޮނުވާލި މިހަމަލާ އާޖެންޓީނާގެ ކީޕަރު އަރްމާނީވަނީ ދިފާޢުކޮށްފައެވެ،
ސެމީގައި އާޖެންޓީނާ ބައްދަލުކުރަންޖެހޭނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ބްރެޒިލްއާއެވެ. ބްރެޒިލް ސެމީއަށް ގޮސްފައިވަނީ އިއްޔެ ޕެނަލްޓީން ޕެރެގުއާއީ ބަލިކޮށްގެންނެވެ. ސެމީ ފައިނަލްގެ ފޯރިގަދަ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަދުވަހުގެ ރޭ ފަތިހު 05:30 ގައެވެ.




