ކޮޕާ އެމެރިކާގެ ކުއާޓާގައި ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ، މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއާއި ކަޓައިފިއެވެ.
އުރުގުއާއީ އަދި ޕެރޫ ބައްދަލުކުރި މިމެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓް އައުޓުގެ ފުރަތަމަ ޕެނަލްޓީ އުރުގުއާއީއަށް ނާކާމިޔާބުވިއިރު މިޕެނަލްޓީ ފޮނުވާލާފައިވަނީ ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒްގެ މިޕެނަލްޓީވަނީ ޕެރޫގެ ކީޕަރު ގަލެސެ ދިފާޢުކޮށްފައެވެ.
ބާކީ އެހެން ހުރިހާ ޕެނަލްޓީ ތަކެއްވެސްވަނީ ކާމިޔާބުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓަށްފަހު ޕެރޫއިން ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 4-5 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގައި އުރުގުއާއިންވަނީ ތިން ލަނޑުޖަހާފައެވެ. ނަމަވެސް މެޗު އޮފިޝަލުންވަނީ މިތިން ލަނޑުވެސް އޮފްސައިޑްކަމަށް ނިންމައި ކެންސަލްކޮށްފައެވެ. އެހެންނަމަވެސް އުރުގުއާއީގެ ކޯޗު ޓަބަރޭޒް މެޗުގެ އޮފިޝަލުންގެ އެއްވެސް ޝަކުވާއެއް ކޮށްފައެއްނުވެއެވެ. ބަދަލުގައިވަނީ ބަލި ޤަބޫލުކޮށްފައެވެ.
ލަނޑުޖަހައި ލީޑު ނަގާނެ ގިނަ ފުރުޞަތުތަކެއް މެޗުގައި އުރުގުއާއީއަށްވަނީ ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ފުރުޞަތެއްގެ ބޭނުން އުރުގުއާއީއަށް ނުހިފުނުއިރު އެންމެ ހުސް ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ ކަވާނީއަށެވެ. ގޯލް ކުރިމަތިން ލިބުނު ބޯޅަ ކަވާނީ ފޮނުވާލީ ގޯލް ދަނޑިއަށްވުރެވެސް މާމަތިންނެވެ.

"މިއީ ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއް. އެކަމަކުވެސް ޖެހޭނެ މިބަލި ޤަބޫލުކުރަން" ޓަބަރޭޒް ބުންޏެވެ.
މެޗަށްއައީ މޮޅުވުމަށް ވިސްނައިގެން ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބުނުވިއިރު، މިކަމުގައި ދައްކާނެ އިތުރު ބަހަނާއެއް ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މުޅި މެޗުގައި ޕެރޫއަށް އުރުގުއާއީ ގޯލާ އަމާޒުކޮށް އެންމެ ޙަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ސެމީ ފައިނަލްގައި ޕެރޫއިން ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާއެވެ.



