25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ

ލުޠުފީ އުޅޭތަން އެނގި ގެންނަން މަސައްކަތް ނުކުރި މައްސަލަ ބަލަނީ

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ފުލައިގެން އުޅޭތަން ޔަޤީނާ ގާތަށް އެނގުނު ނަމަވެސް، ލުޠުފީ ރާއްޖެ ގެންނަން ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވާ މައްސަލަ ބަލައިދިނުމަށް އެދިއްޖެއެވެ.

ފުލުހުން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ލުޠިފީ ފިލައިގެން އުޅެން ފެށިފަހުން، 2012 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކު ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މަޢުލޫމާތު ޔަޤީނާއިގާތަށް ލިބި، އެ މަޢުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ޙިއްސާކުރެވިފައިވާ ކަމަށެވެ.

"...ނަމަވެސް ލުޠުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަޙްޤީޤު ކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުއަށް ރަސްމީކޮށް ލިޔުމުން ހުށަހަޅާފައި." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރ ހުށަހެޅުއްވި މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ހާޖަރަގޭ ޢަބްދުﷲ ލުޠުފީއަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައިވަނީ ސަރުކާރުގެ ހުއްދައާއެކު 2010 ޖަނަވަރީ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެއަށްފަހު އޭނާ އުޅެނުން އައީ ފިލައިގެންނެވެ.

2019 މެއި 1 ވަނަ ދުވަހު ލުޠުފީ އަމިއްލައަށް އަމާންދީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެފައިވާއިރު، އޭނާ ބެލެހެއްޓުމަށްޓަކައި ލަންކާ އެމްބަސީގައި ދިވެހި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ