މޯލްޑިވިއަން ޑިމޮކްރެޓިކް ޕަޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ކުރިމަތިލެއްވީ މެދުވެހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕް މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 12 މަގާމަކަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ޕީޖީ ލީޑަރާއެކު ދެ ޑެޕިއުޓީ ޕީޖީ ލީޑަރުންނާއި އަމީންއާންމު އަދި އަމީންއާންމުގެ ނައިބުގެ އިތުރުން ޗީފް ވިޕާއި ހަ ވިޕުންނެވެ.
އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ އިންތިޚާބާ ގުޅޭ ގޮތުުން މިރޭ އެޕާޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕީޖީ ލީޑަރަކަށް އާޒިމް އެކަނި ކުރިމަތި ލެއްވިއިރު ދެ ޑެޕިއުޓީ ލީޑަރުން އިންތިޚާބު ކުރާއިރު އެމަގާމަށްވެސް ކުރިމަލއްވާފައިވަނީ ދެ މެމްބަރުންނެވެ. އެއީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.
މީގެ އިތުރުން އަމީން އާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން ކުރިމަތި ލެއްވިއިރު އަމީން އާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީއެވެ.
މީގެ އިތުރުން ޗީފް ވިޕަކަށް ކުރިމަތި ލައްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
މީގެ އިތުރުން ވިޕުންގެ ގޮތުގައި 7 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ޕާޓީގެ ޕީޖީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށެވެ.




