ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، ވ.އާއަލި، އަޙްމަދު މުފީދު (50އ) އާއި ސ.ހުޅުދޫ، ވައިލެޓްވިލާ، މުނާ އިބްރާހީމް މުޙައްމަދު (45އ) އާއި މާލެ، ދަފްތަރު ނަންބަރު 7275 ، ޢަބްދުﷲ ނަޞީރު (49އ) ކަމަށެވެ.
އަޙްމަދު މުފީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 2 ވަނަ ދުވަހުގެ 09:45 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުނާ އިބްރާހީމް މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 2 ވަނަ ދުވަހުގެ 11:45 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ޢަބްދުﷲ ނަޞީރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 3 ވަނަ ދުވަހުގެ 10:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ވީމާ މިމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.



