ކަރިމް ބެންޒެމާ - ފޮޓޯ: ފުޓް ރޭޑިއޯ

ބެންޒެމާ ރެއަލްމެޑްރިޑްގައި 10 އަހަރު

ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ސްޕެއިންގެ ރެއަލްމެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭތާ މިހާރު 10 އަހަރު ވެއްޖެއެވެ.

ފްރާންސްގެ ލިޔޯން ދޫކޮށް ރެއަލްމެޑްރިޑާއި ބެންޒެމާ ގުޅުނީ 2009 ވަނަ އަހަރުއެވެ.

ރެއަލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އާ ޕްރޮޖެކްޓްގެ ދަށުން ބެންޒެމާ ރެއަލްމެޑްރިޑަށް ގެނައިރު ބެންޒެމާއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަކާވެސް އެޕްރޮޖެކްޓްގައި ހިމެނުނެވެ.

ބެންޒެމާއާއެކު މިހާރު ރެއަލްމެޑްރިޑްގައި ހުރީ އޭރު އޮތް ޓީމުގެ ދެކުޅުންތެރިންނެވެ. އެއީ ސާޖިއޯ ރާމޯސްއާއި މާސެލޯއެވެ.

ރެއަލްމެޑްރިޑުން ބެންޒެމާ ދައްކާލަނީ - ފޮޓޯ: ފޮކްސް ސްޕޯޓްސް

ރެއަލްމެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ހަވަނާގައި ބެންޒެމާ އޮތްއިރު، އޭނާވަނީ ރެއަލްމެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އެހީތެރިވެފައެވެ.

އުމުރުން 21 އަހަރުގައި ރެއަލްމެޑްރިޑާއި ބެންޒެމާ ގުޅުނުއިރު ފުރަތަމަ 11 އިން އޭނާއަށް ފުރުޞަތެއް ނުލިބެއެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11 އަށް އޭރު ނަގަނީ ގޮންޒާލޯ ހިގުއައިންއެވެ.

ބެންޒެމާގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ 2011/2012 ވަނަ ސީޒަންގައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު އެސީޒަންގައި ބެންޒެމާވަނީ 32 ލަނޑު ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ.

ބެންޒެމާ ޗެމްޕިއަންސް ލީގު ތައްޓާއެކު - ފޮޓޯ: ޑެއިލީ މެއިލް

ޒިދާންގެ އިރުޝާދުގެ ދަށުން ބެންޒެމާވަނީ އޭނާގެ ހުނަރު އެތައް ތަނެއް ކުރިއަށް ޖައްސާލާފައެވެ. ޒިދާންއާއެކު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއަލްމެޑްރިޑްގެ ޓީމުގައިވެސް މުހިންމު ރޯލެއް އަދާކުރި ބެންޒެމާއަކީ އެމުބާރާތުގެ ހަތަރުވަނައަށް އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަށް ފޫބައްދަމުންދިޔަ ބެންޒެމާއަށް ކުރިއަށް އޮތް ސީޒަން ވެގެންދާނީ މުޅިން އާ ޗެލެންޖަކަށެވެ. ރެއަލްމެޑްރިޑްގެ އާ ޕްރޮޖެކްޓްގެ ދަށުން އެކްލަބާއި ގުޅުނު އުމުރުން 21 އަހަރުގެ ލޫކާ ޖޮވިކަށް ބެންޒެމާގެ ބަދަލުގައި ފުރަތަމަ 11 ގެ ފުރުޞަތު ބޮޑުއިރު ޓީމަށް އެނބުރި އަންނަން ބެންޒެމާ ގިނަ މަސައްކަތެއް ކުރަންޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ