އެންމެ މޮޅު ޑްރިބްލާރއަކީ ނޭމާ: ބެންޒެމާ

އެންމެ މޮޅު ޑްރިބްލާރއަކީ ނޭމާކަމަށް ރެއަލްމެޑްރިޑުގެ ތަރި ކަރިމް ބެންޒެމާ ބުނެފިއެވެ.

ބެންޒެމާއަށް އެންމެ ކަމުދާ ފަސް ޑްރިބްލާރއިންނަކީ ކޮބައިތޯ އޭނާގެ ޔޫޓިއުބް ޗެނަލްއަށް ސަޕޯރޓަރުކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބެންޒެމާ ބުނީ، އެއީ ނޭމާކަމަށެވެ. އަދި އިތުރު ކުޅުންތެރިއަކު މިލިސްޓަށް ބެންޒެމާ ލައިފައެއް ނުވެއެވެ.

މީގެއިތުރުން ބެންޒެމާ ބުނީ، އޭނާއަށް މިހާތަނަށް ޖެހުނު އެންމެ ހިތްގައިމު ގޯލަކީ އޮސަސޫނާއާއި ދެކޮޅަށް އޭނާ ޖެހި ލަނޑުކަމަށެވެ. 2011/12 ސީޒަންގައި އޮސަސޫނާއާއި ދެކޮޅަށް ބެންޒެމާ ޖެހި މިލަނޑު ކާމިޔާބުކޮށްފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހުރަހަކުންނެވެ. އަދި އެކުގައި އެންމެ ކުޅެން ބޭނުންވީ ރެއަލްމެޑްރިޑުގެ މިހާރުގެ ކޯޗު ޒިދާންއާއެކުކަމަށްވެސް ބެންޒެމާ ބުންޏެވެ.

އެހެންނަމަވެސް އޭނާއަށް ކޯޗުކޮށްދިން ހުރިހާ ކޯޗުންގެ ފަރާތުންވެސް ތަފާތު އެއްޗެހިތަކެއް ދަސްވިކަމަށްވެސް ބެންޒެމާ ބުންޏެވެ. އެންމެ ކުޑައިރުންސުރެވެސް ބެލޮންޑިއޯއާއި ދޭތެރޭ ވިސްނޭކަމަށާއި، އެހެންނަމަވެސް ސީދާ އެއެވޯޑަށް ޓާގެޓްކޮށްގެން ނުކުޅޭކަމަށްވެސް އޭނާ ބުންޏެވެ.

ރެއަލްމެޑްރިޑުން މިސީޒަންގެ ލަލީގާ ކާމިޔާބުކޮށްފައިވަނީ ވާދަވެރި ބާސެލޯނާއަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރެއަލްމެޑްރިޑުން ސީޒަން ނިންމާލާފައިވަނީ 87 ޕޮއިންޓާއެކުގައެވެ.

މިސީޒަންގެ ލަލީގާގައި ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ބެންޒެމާއެވެ. ބެންޒެމާވަނީ ކުޅުނު 37 މެޗުން 21 ލަނޑު ޖަހައި 8 އެސިސްޓް ހަދާފައެވެ. ސީޒަންގެ ރަންބޫޓު ވާދަވެރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންގޮސްފައިވަނީ 25 ލަނޑު ޖަހައިގެންނެވެ. މެސީ ސީޒަން ނިންމާލާފައިވަނީ 21 އެސިސްޓާވެސް އެކުގައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ