ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ސަންގު ޓީވީއާ ވާހަކަދައްކަނީ

"ލުޠުފީ މާލެ ގެނެސް އަދަބުވެސް ދޭންވާނެ"

3 ނޮވެންބަރު 1988 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މާލެ ގެނެސް އަދބު ދިނުމަށް، ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ގޮވާލައްވައިފިއެވެ.

ޝަހީދު ހުސައިން އާދަމްގެ މައިން ބަފައިން އެކުގައި ތިބެ "ސަންގު ޓީވީ" އަށް ދީފައިވާ އިންޓަވިއުއެއްގައި ޝަހީދު ހުސައިން އާދަމްގެ މަންނަ ބުނެފައިވަނީ، "އޭނަ (ލުޠުފީ) މާލެ ގެންނަންވާނެ، އަދަބުވެސް ދޭންޖެހޭނެ." ކަމަށެވެ.

ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ލުޠުފީ މާލެ ގެނެސް އަދަބު ދިނުމަށް ގޮވާލާފައި މިވަނީ، ލުޠުފީއަށް މަޢާފު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

ލުޠުފީގެ މަށްޗަށް ކުށް ސާބިތުވެ އެންމެ ފުރަތަމަ ހުކުމް ކޮށްފައިވަނީ މަރުގެ އަދަބު ދިނުމަށެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި މަރުގެ އަދަބު ވަނީ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ހުކުމުގެ މުއްދަތު ޖަލުގައި ގުނަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލުމުން އޭނާ ވަނީ ފިލާފައެވެ. އެއަށްފަހު އޭނާ އުޅެމުން އައިސްފައިވަނީ ފިލައިގެނެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށްފަހު އޭނާ ފިލައިގެން އުޅެމުން އަންނަނީ އަވަށްޓެރި ލަންކާގައެވެ. ފިލައިގެން އުޅުމަށްފަހު ލުޠުފީ ވަނީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފައެވެ. އެދުވަހުން ފެށިގެން އޭނާ އުޅެމުން އަންނަނީ އެމްބަސީގައެވެ.

ލުޠުފީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ސަރުކާރުން ބުނެފައިވާއިރު، ދިވެހި ފުލުހުންގެ ޓީމެއް އަންނަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ. ދިވެހި ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ގޮތުގައި އޭނާ ހުރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. ނަމަވެސް އެމްޑީޕީ ޓިކެޓުގައި އޭދަފުށި ދާއިރާއަށް ވާދަކުރެއްވި އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ މިހާރު ލުތުފީ ހުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުއްޔަށް ހިފާާފައި ހުންނަ ގެއެއްގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ