ބްރެޒިލްގައި މިހާރު ކުރިއަށް ކޮޕާ އެމެރިކާގައި ބްރެޒިލްގެ ޓީމު އެންމެ ޖެހިލުންވަނީ މެސީއާއި ދެކޮޅަށް ކުޅެންކަމަށާއި އަދި އެންމެ ބިރު ގަންނަ ކުޅުންތެރިއަކީވެސް މެސީކަން އެޓީމުގެ ކުޅުންތެރިންގެ ވާހަކަތަކުން ހާމަވެއްޖެއެވެ.
މުބާރާތުގެ ސެމީފައިނަލްގައި ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރަން ޖެހޭއިރު މިމެޗު ފެށޭނީ މިރޭ ފަތިހު 05:30 ގައެވެ.
މުބާރާތުގައި މެސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރުވެސް ބްރެޒިލްގެ ކުޅުންތެރިން ބުނަނީ މެސީ އާޖެންޓީނާ ޤައުމީ ޓީމުގައި ހުރުމަކީ ބިރެއްކަމަށެވެ.
"އާޖެންޓީނާއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. މެސީ ކޮންމެ ވަގުތެއްގައިވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލަފާނެ" މެސީއާއެކު އާޖެންޓީނާއަށް ކުޅެމުން އަންނަ ކުޓީނިއޯ ބުންޏެވެ.
ބްރެޒިލް ދެކޭގޮތުގައި މެސީއަކީ މިކަހަލަ ބޮޑެތި މެޗުތަކުގެ، އާޖެންޓީނާއަށް އެހީތެރިވަމުން އަންނަ ނުރައްކާތެރި ކުޅުންތެރިއެކެވެ.
"މިއަދު މެސީއަކީ ދުނިޔޭގެ އެއްވަނަ. ދެމިނަޓުންވެސް މެސީއަށް މެޗުގެ ނަތީޖާ ބަދަލުކޮށްލެވިދާނެ" ބްރެޒިލްގެ މެލްކޮމް ބުންޏެވެ.

ކްލަބް ލެވެލްގައި މެސީއާ ދެކޮޅަށް 10 ފަހަރު ކުޅެފައިވާ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނީ، މެސީއަކީ ތަފާތު ކުޅުމެއް ކުޅޭ ކުޅުންތެރިއެއްކަމަށާއި، މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިއަކީވެސް މެސީކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި ފުޓްބޯޅައިގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ މެސީކަމަށް ސިލްވާ ބުނެފައިވެއެވެ.
މެސީއަށް މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެލަނޑު ޕެނަލްޓީއަކުން ޖަހާފައިވަނީ ޕެރެގުއާއީ އާ ދެކޮޅަށެވެ. އެމެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މެސީ އަމިއްލައަށްވެސް މިފަހަރުގެ މުބާރާތުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާކަމަށްވަނީ އެއްބަސްވެފައެވެ. ކްލަބް ލެވެލްގައި ބާސެލޯނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މެސީގެ އެންމެ ބޮޑު އުންމީދަކީ ޤައުމީޓީމާއެކު ތައްޓެއް ކާމިޔާބުކުރެވެ.



