މާގޫދޫ ތިޖޫރީ ފަޅާލި މީހުން ދަތުރުކުރީ ވަގަށް ނަގާފައިވާ ޑިންގީއެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، މަގޫދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޜީ ގާޑް ބަނދެ، ދޮރު ހަލާކުކޮށްލައިގެން ވަދެ، ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި 9 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މީހުން ހައްޔަރުކުރީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެމީހުންނާއި، 24 އަހަރުގެ ދެމީހުންނާއި، 26އ، 32އ، 33އ އަދި 36 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފަހުން ވިދާޅުވީ، ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ މާލެއަށް ނިސްބަޔްވާ މީހުން ކަމަށާއި، އެމީހުން ދަތުރުކުރަމުންދިޔަ ޑިންގީއަކީ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޑިންގީއެއްކަން ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ނިލަންދޫ ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޖޫން 30 ވަނަ ދުވަހުގެ ރޭ ދަންވަރު 3:30 ހާއިރު މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތެރެއަށް ވަދެ އެ އިދާރާގެ ތިޖޫރި ހަލާކޮށްލައިގެން ތިޖޫރީގައި ހުރި ފައިސާ ވަގަށް ގެންގޮސްފައިވާއިރު، ކައުންސިލް އިދާރާއާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ، ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށެވެ.




