2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިހުރި ތަރައްޤީގެ ހުރިހާ މަޝްރޫއުތައް އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ އައްޑޫގެ ބައެއް ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވަލުކުރުމަށް މިނިސްޓަރ މިއަދު މަޖިލީހަށް ހާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
"ބަޖެޓްގައި ހިމަނާފައި އޮތް އެއްވެސް ކަމެއް އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އަތްނުލައި ނުދާނެ. އެހެންވީމަ ފައިސާ ހުރި މިންވަރަކުން އެ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ބަޖެޓްގައި ހުރި މަޝްރޫއުތަކަށް ޝެޑިއުލްއެއް ހަދާފައި އެބައޮތް. އެ ޝެޑިއުލް މަޖިލީހަށް ފޮނުވައިދޭކަށް އެއްވެސް ކަހަލަ ޖެހިލުމެއް ނެތް، އެހެންވީމަ އެ ޝެޑިއުލް މަޖިލީހަށް ފޮނުވައިދޭނަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މަސައްކަތް ނިންމޭ ވަރަށްވުރެ ކުޑަ އަދަދުތައް ޖަހާފައި ގިނަ މަޝްރޫއުތަކެއް ބަޖެޓްގައި ހިމަނާފައި އެބަހުރި ކަމަށާއި، އެ މަސައްކަތްތައް އަހަރުގެ ކުރީކޮޅު ނުފެށޭނެ ކަމަށެވެ.
"ވަރަށް ގިނަ މަސައްކަތް އެބަހުރި ކުޑަކުޑަ ލާރިކޮޅެއް (ބަޖެޓްގައި) ޖަހާލާފައި، ހަމަ އަދަދެއް ޖަހާލާފައި. އެ މަސައްކަތްތައް އަހަރުގެ ކުރީކޮޅު ފަށައިފިއްޔާ މަސައްކަތް މެދުކެނޑޭނެ. އެހެންވީމަ އެ މަސައްކަތަތްތައް ފެށޭނީ އަހަރުގެ ފަހުކޮޅަށް ދިޔައީމަ، ތަރުތީބުކޮާށްފައި އޮތް ޕްލޭނެއް އެބައޮތް." އަސްލަމް ވިދާޅުވިއެވެ.
ބަޖެޓްގައި ހިމަނާފައިހުރި ތަރައްޤީގެ ހުރިހާ މަޝްރޫއުތައް އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއިރު، މިއަހަރުގެ މިހާތަނަށް 36 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ސަރުކާރުން ވަނީ ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފައެވެ.



