ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢި ވިދާޅުވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިމަހުގެ 3 އިން 8 ވަނަ ދުވަހުގެ ނިޔަލަށް، ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ދަތުރުފުޅުގައި، އިންޑިއާގެ ސްޓާފް ކޮލެޖަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ކާނަލް ޙާމިދު ސަފީޤާއި، އެމްއެންޑީއެފް ސެނެހިޔަ ހޮސްޕިޓަލުގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.




