ދައުލަތުގެ ބަންޑާރަނައިބު، އިބްރާހީމް ރިފްއަތު ލަފާ ދެއްވަނީ ދައުލަތުގެ މަސްލަހަތަށް ކަމަށާއި އޭނާއާ ދޭތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ، އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅުންހުރި އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތް ވިދާޅުވެފައި ވަނިކޮށް، ޖީއެމްއާރާ ގުޅުންހުރި ޓެކްސް މައްސަލައިގައި އޭޖީ އޮފީހުން ލަފާ ދީފައިވާނެކަމަށް އެ އޮފީހުން މިއަދު ވިދާޅުވުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭޖީއަށް އަމާޒުވެފައި ވަނިކޮށެވެ.
އޮންލައިން ނޫސް "މިހާރު" އަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، ދައުލަތުން ބަދަލު ދޭން ޖެހިފައިވާ މައްސަލަތަކުގައި، ބަންޑާރަނައިބާއި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކަނީ ކަމުގެ ހަގީގަތް ސާފުނުވާތީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.
އަދި ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ބަދަލު ނަގައިދެނީ ކުރީގެ ސަރުކާރުތަކުން ގޯސްކޮށް، އުސޫލުން ބޭރުން އެއްބަސްވުންތައް އުވާލާފައިވުމުން ކަމަށާއި، ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ގޮތް ނިންމަނީ އޭޖީ އެކަނި ނޫން ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
"އޭޖީގެ ފަރާތުން ބަސް ބުނަނީ ހުރިހާ މަރުހަލާތަކަކަށް ފަހު. އޭޖީ އެ ވިދާޅުވަނީ އެބޭފުޅާގެ އަމިއްލަފުޅު ވާހަކައެއް ނޫން. އެއީ މުޅި ސަރުކާރުގެ ބަސް. އޭޖީއާ މެދުގައި ސަރުކާރަށް ފުރިހަމަ އިތުބާރު އެބަ އޮތް،" އަލީ ޒާހިރު ވިދާޅުވިއެވެ.
ޗީފް އޮފް ސްޓާފް ވިދާޅުވީ، އެޓަރނީ ޖެނެރަލް ޢަލީ ޒާހިރު ސަރުކާރަށް ލަފާދެއްވަނީ ދައުލަތުގެ ދައުލަތުގެ މަސްލަހަތު އިސްކުރައްވައެވެ.




