1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސް މޭއިސްތިރި ހ. ހާޖަރާގޭ އަބުދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ފިލާފައިވާކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޮގުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު، ސްރީލަންކާގައި ބޮން ގޮއްވުމުގެ 1 ދުވަސް ކުރިން ލުޠުފީ އަމިއްލައަށް ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެ އަމާންދީފައިވާ ކަމަށެވެ.
ލުޠުފީއަކީ 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާގެ ކުށް ސާބިތުވެ، މަރަން ހުކުމް ކޮށްފައިވާ ފަރާތެކެވެ. ނަމަވެސް ލުޠުފީގެ ހުކުމް 25 އަހަރުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފައިވަނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 2019 ޖަނަވަރީ 16 ވަނަ ދުވަހު އިންޑިއާއަށް ބޭސްފަރުވާއަށް ފޮނުވުމުން ފިިލިގޮތަށް އެމްބަސީއަށް ހާޒިރުވުމާ ހަމައަށް ލުޠުފީ އުޅޭތަނެއް ޔަޤީންކުރެވިފައެއް ނުވެއެވެ.
އެމްބަސީގައި ހުއްޓާ ލުޠުފީ އަލުން ފިލާފައިވާކަމަށްބުނެ ދެކެވެމުންދާ ވާހަކަތާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު، އޮންލައިން ނޫސް "އަވަސް" އަށް ވިދާޅުވެފައިވަނީ ލުތުފީ އަދިވެސް ހުރީ "ދިވެހި ފުލުހުންގެ ބެލެއްޓުމުގެ ދަށުގައި" ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ލުތުފީ ހުރި ތަނެއް ހާމައެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑުމެން ޔަގީންކަންދެން ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލެމުގެ ދަށުގައިކަން،" އިޒްމިއާ ވިދާޅުވިއެވެ.
ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އިޒްމިއާ ވިދާޅުވި ނަމަވެސް ލުތުފީ އަނބުރާ ރާއްޖެ ގެނެވޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވެއެވެ.
ލުޠުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ދިވެހި ރައްޔިތުންނާ ސިއްރުކުރި މައްސަލައާއި، ދެމަހަށްވުރެ ގިނަ ދުވަސްވީއިރު އޭނާ ރާއްޖެ ގެނެވިފައި ނުވާތީ ގިނަ ބަޔަކު ދަނީ ފުލުހުންނަށާއި، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންވެ.



