މަސައްކަތް ފަށައި ނުނިމިހުރި ރިސޯޓްތައް ނިންމުމަށް އިތުރު މުއްދަތު ދޭއިރު އިޖުރާއަތެއްގެ ގޮތުގައި ކޯޕަރޭޓް ސޯޝަލް ރެސްޕޮސްސިބިލިޓީ (ސީއެސްއާރު) ހިމަނާފައިވަނީ އެ ރިސޯޓެއް ތަރައްޤީކުރާ ސަރަހައްދެއްގެ ރައްޔިތުންނަށް މަންފާ ހޯދައިދޭންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތެއްގެ ގޮތުގައި ސީއެސްއާރު ހުށަހަޅާނީ، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ވާގޮތުގެ މަތިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށެވެ.
"މިގޮތަށް ސީއެސްއާރު ނެގުމުގެ ޖަދުވަލެއް ހިމެނުމުގެ މައިގަނޑު މަޤްޞަދަކީ ކުރިން ޢަމަލުކުރަމުންދިޔަ އުޞޫލާއި ޚިލާފަށް އުޞޫލެއްގެ ބަދަލުގައި ގަވާއިދެއް ހެދި ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހަރުދަނާ ކުރެވި އިސްލާޙު ކުރެވިގެން ދިއުން. އަދި ތަރައްޤީ ކުރެވޭ ރަށް ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބޭމޭ ގޮތްތަކެއް ހޯދައިދީ، ސީއެސްއާރުގެ ހަޤީޤީ ކުލަ އާއްމު ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ލިއްބައިދެވި، ކޮރަޕްޝަނުގެ ޑަނޑޫރާގެ އުޞޫލުތައް އިސްލާޙު ކުރުން." ޓޫރިޒަމް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، އަލަށް އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފެށުމަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް ހެޔޮ ގޮތްތަކެއް ފަހިކޮށްދެވި، އިންވެސްޓަރ ކޮންފިޑެންސް ވަރުގަދަވެ ރައްޔިތުންގެ އުއްމީދުތަކަށް އިތުރު ހިތްވަރެއް ލިބިގެންދާ މުހިންމު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެއް." ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.