އެމިލިއާނޯ ސަލާ މަރުވިގޮތް ދެނެގަތުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފެށުނު އިރު 28 އަހަރުގެ މިކުޅުންތެރިޔާ މަރުވެފައިވަނީ މެޔަށާއި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ.
ވޭލްސްގެ އޮންލައިން ރިޕޯރޓުގައި ޕޯސްޓް މޯޓަމްއިން ދައްކާގޮތުން ސަލާ މަރުވީ ފްލައިޓް ވެޓުމުގެ ތެރޭގައި ސަލާގެ މެޔަށާއި ބޮލަށް ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުންކަމަށްވާއިރު ތަޙުގީގީ ޓީމުތަކުން ސަލާގެ ހަށިގަނޑު ދެނެގަތީ ފިންގަރ ޕްރިންޓްގެ އެހީގައިކަމަށްވެއެވެ.
އޭއޭއައިބީ އިން މިހާދިސާގެ ފުރިހަމަ ތަޙުގީގެއް ކުރަން 6-12 މަސްދުވަސް ނަގާނެއެވެ.
މިހިތާމެވެރި ހާދިސާ މިދިޔަ މަހުގެ 21ގައި ހިނގާފައިވަނީ 28 އަހަރުގެ އާރޖެންޓީނާގެ ސަލާ 15 މިލިއަން ޕައުންޑަށް ކާރޑިފްއަށްބަދަލުވިކަން އިޢުލާން ކުރިތާ ދެދުވަސްފަހުން އޭނާގެ ކުރީގެ ކްލަބް ނަންޓެސް ކުރު ދަތުރެއް ކުރުމަށްފަހު އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީގައެވެ. އަދި ގެއްލުނު މިފްލައިޓް ނުފެންނާނެ ކަމަށްބަލާ 24 ޖެނުއަރީގައި ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ. ނަމަވެސް އަމިއްލަ ފަންޑެއްގެ އެހީގައި އަލުން މިމަސައްކަތްފަށައި ރިމޯޓުން އޮޕަރޭޓްކުރާ މޫދުއަޑީ ދުއްވާ ކުޑަ އުޅަނދެއްގެ އެހީގައި މި ފްލައިޓް ފެބްރުއަރީ 3ގައި ހޯދާފައިވެއެވެ. އަދި އެއުޅަނދުގެ އެހީގައި ކުރެވުނު ވީޑިއޯއިން ފެނުނު ހަށިގަނޑު މިމަހު 7ވީ ބުދަދުވަހު ނަގާފައިވާއިރު އެއީ ސަލާގެ ހަށިގަނޑުކަން ކަށަވަރުކޮށްދިނީ ޖެހިގެންއައި ބުރާސްފަތިދުވަހުއެވެ.