ސީއައިޑީއަށް ހާޒިރުކޮށް ލުޠުފީގެ ބަޔާން ނަގައިފި

ލަންކާގެ ފުލުހުންގެ ސީއައިޑީ ޔުނިޓަށް ހާޒިރުކޮށް ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ބަޔާން ނަގައިފިއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ލުޠުފީ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސްރީލަންކާގެ ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ ސީއައިޑީގެ ހުއްދަ ލިބުމުން މެނުވީ ލުޠުފީ ރާއްޖެ ގެނައުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑު ބޭނުމެއްނުވި އެތަނުގައި އޮންނަ ޑިއު ޕްޕޮސެސް ފުރިހަމަ ނުކޮށް ލުޠުފީ ރާއްޖެ ގެންނާކަށް. އިއްޔެއާ ހިސާބަށްވެސް ބަންޑާރަނައިބުގެ އޮފީހުން އެލިޔުމެއް ނުލިބޭ. އެންމެފަހުން އަޅުގަނޑުމެން ވާހަކަދެއްކިއިރު ސީއައިޑީ އިން ވަކި ގޮތެއް ނުނިންމަވަނީސް ތިމަންނަމެނަށް ލިޔުން ދެވެން ނެތްވާހަކަ އިއްޔެ ބުނީ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އެހެން ނަމަވެސް އިއްޔެގެ ވަގުތެއްގައި ލުޠުފީ ސީއައިޑީއަށް ހާޒިރުކޮށް ބަޔާން ނަގައި ސީއައިޑީއިން ދޭންޖެހޭ ހުއްދަ ދީފައިވާ ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިހާރު އިންތިޒާރު ކުރަމުންދަނީ އެޤައުމުގެ ބަންޑާރަނައިބުގެ ހުއްދައަށް ކަމަށެވެ.

"އެންމެފަހުން އިއްޔެ ލުޠުފީ ސީއައިޑީ ޑިޕާޓްމަންޓަށް ހާޒިރުކޮށް ލުޠުފީގެ ބަޔާނެއް ނަގާފައިވަނީ. އަދި އެއަށްފަހުގައި މިހާރު ސިލޯނުން އަނބުރާ ގެނައުމަށްޓަކައި އެއްވެސް މައްސަލައެއް ނެތްކަމަށް ސީއައިޑީ (ލަންކާ ޕޮލިހުން) ވަނީ ބުނެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، ވަރަށް އަވަހަށް ލުޠުފީ ރާއްޖެ ގެނެވޭނެ ކަމަށާއި، ގެނެސް ޖަލަށްވެސް ލާނެ ކަމަށެވެ.

"ދެން މިހާރު މަޑުކޮށްގެން މިތިބީ ބަންޑާރަނައިބުގެ ލިޔުމެއް، ހުއްދަ ލިބެންދެން. ހަމަ ކޮންމެ ގަޑިއެއްގައިވެސް އެކަން ހިނގާދާނެ. އެއާއެކީގައި ލުޠުފީ މިކޮޅަށް ގެނެވޭނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞޯލިޙް ވިދާޅުވީ، ލުޠިފީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވަނީ 2019 މެއި 1 ވަނަ ދުވަހު ކަމަށާއި، ހަމަ އެދުވަހު އެ މަޢުލޫމާތު ރައީސްއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިހާރު ލުޠުފީ ހުރީ ކޮލަމްބޯގެ އެހެން ތަނެއްގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ