19 ދިވެހިންގެ ލޭ އޮހޮރުވާލި ، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުޠުފީއަށް މަޢާފް ނުދެއްވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، ލުޠުފީއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ކުއްވެރިޔާ ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"ލުޠުފީއަކީ އަދިވެސް ދިވެހިރާއްޖޭގެ އެންމެ ބޮޑު ކުށްވެރިޔާ. ލުޠުފީއަށް މަޢާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ލުޠުފީއަށް ކޮށްފައި އޮތް ހުކުމް ތަންފީޒުކުރާނަން. އަޅުގަނޑު މިވަގުތު ވެރިކަމުގައި އޮތީމަ އެ ބާރު އޮތްނަމަވެސް އެއީ އަޅުގަނޑު ކުރާނެކަމެއް ނެތް. އެއަށްވުރެ ބޮޑު ޚާއިނެއް މިޤައުމަކު ނެތް. މިޤައުމުގެ އެންމެ ބޮޑު ކުށްވެރިޔާ އެއީ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ލުޠުފީ ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލުޠުފީގެ ބަޔާން ސްރީލަންކާގެ ފުލުހުންގެ ސީއައިޑީ ޔުނިޓުން ނަގާފައިވާ ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލުޠުފީ ރާއްޖެ ފޮނުވާލުމަށް ސީއައިޑީގެ އިއުތިރާޒެއް ނެތްކަމަށް ބުނެފައިވާ ކަމަށާއި، މިހާރު އިންތިޒާރު ކރަމުންދަނީ ލަންކާގެ ބަންޑާރަނައިބުގެ ހުއްދައަށް ކަމަށެވެ.
ލުޠުފީއަކީ މަޢާފް ދެވޭނެ ފަރާތެއް ނޫންކަމަށާއި، ރާއްޖެ ގެނެސް ހުކުމް ތަންފީޒު ކުރަންޖެހޭނެ ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، ލުޠުފީ މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ނަމަވެސް ދިވެހި އެމްބަސީގައި ނޫން ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަަވާބުދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ލުޠުފީއަކީވެސް އިންސާނަކަށްވާތީ ޖަލުގައި ހުންނެވި ނަމަވެސް ލިބެންޖެހޭ ބޭސްފަރުވާގެ ކަންކަން ލިބޭނެ ކަމަށެވެ.




