19 ދިވެހިންގެ ލޭ އޮހޮރުވާލި ބަޣާވާތުގެ އެންމެ އިސްކޮށް ހުރި، ހ.ހާޖަރާގޭ ބޮޑު ބާޣީ، ޢަބްދުﷲ ލުޠުފީ، މިދިޔަ ދެމަސްދުވަހު ހުރީ ބޮޑު އެމްބަސީގައި ފިލުވާފައިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިހާރު ކުރިއަށްދާ "ފޭރުމާ ދެކޮޅަށް"، އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ މި ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ފުރަތަމަ ސިޔާސީ ޖަލްސާއެވެ.
ލުތުފީ އަކީ ބޮޑު ޚާއިނެއް ކަމަށް ރައީސް ޞާލިހް މިއަދު ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ލުތުފީ މިއަދު ކުއްލިއަކަށް ބޮޑު ޚާއިނަކަށް ނުވަތަ ބޮޑު ބާޣީއަކަށް ވެގެން ދިޔައިރު ފާއިތުވި ދެމަސް ދުވަހު އޭނާ ހުރީ "ބޮޑު އެމްބަސީގައި" ކަމަށެވެ.
"މިއަދު ކުއްލިއަށް އޭނާ (ލުޠުފީ) މިވީ ބޮޑު ބާޣީއަކަށް، ބޮޑު ޚާއިނަކަށް، އެންމެ ބޮޑު ޚާއިނަށް. އެކަމު މީގެ ދެމަސްދުވަހާ ހަމައަށް އޭނަ ކޮންތާކުރޯ ހުރީ؟ ބޮޑު ބާޣީ، ބޮޑު ޚާއިނު، ބޮޑު ހުރިހާ އެއްޗެއް، އޭނަ ހުރީ ބޮޑު އެމްބަސީގައި ފިލުވާފައި." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ދެމަސް ދުވަހު ލުތުފީ ފޮރުވައިގެން ޖަރީމާ ހިނގި މީހުންނާއި މެދު ފިޔަވަޅު އަޅަން ކެރޭނެތޯ ސުވާލު ކުރައްވާފައެވެ.
ޔާމީން މިރޭ ވިދާޅުވީ ލުތުފީ ރާއްޖެ ގެންނަން ނުޖެހޭނެ ކަމަށް ބުނެ ވާހަކަދައްކަނީ ދިވެހިން ދަރިން ނޫން ކަމަށެވެ. ނޮވެމްބަރ 03 ގެ ހަނދާންތަކަކީ ދުވަހަކު ވެސް ދިވެހިންގެ ހިތުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޚާރިޖީ ވުޒާރާއިން ނެރުއްވާ ބަޔާންތަކުންނާއި، އެހެން ޒިންމާދާރު މުއައްސަސާތަކުން ނެރުއްވާ ބަޔާންތަކުން ހީވި މިއީ އދ. އިން ޔޫއެން ސެކްރެޓަރީ ޖެނެރަލް ސިލޯނަށް ކަނޑައަޅުއްވާފައި ހުންނެވި އެންވޯއީއޭއެއް ކަމަށް. ޑިޕްލޮމެޓިކް އެންމެހާ އިމްތިޔާޒްތައް ލިބިގެން ސިލޯނުގައި މީނަ އުޅެނީ ޔޫއެންގެ އިމްތިޔާޒްތައް ލިބިގެންވާ ކަމަށްވަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ލުތުފީ ރާއްޖެ ނުގެންނަ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޞާލިހް މިއަދު ވަނީ ލުތުފީ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ.




