ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

މިނިވަން ތަޙްޤީޤަށް ފުލުހުން އެއްބާރުލުން ދޭނަން - ކޮމިޝަނަރު

މަސްތުވާތަކެތީގެ މައްސަލައެއްގެ ރޭ ފުލުހުން ރެއިޑްކުރި ގެއެއްގެ ތެރޭގައި ތުހުމަތު ކުރެވޭ މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައިގެ މިނިވަން ތަޙްޤީޤުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ހިނގި ހާދިސާގައި ބައިވެރިވެފައިވާ ފުލުހުންގެ އޮފިސަރުންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން އެ މައްސަލައިގެ ތަޙްޤީޤު މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (ޢެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެ މައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށާއި، އެފަދަ މިނިވަން ކޮމިޝަންތަކުގެ ތަޙްޤީޤަށް ފުލުހުންގެ ވެރިންނާއި މުޅި މުއައްސަސާއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މޫހައްމަދު ހަމީދު ވިދާޅުވިއެވެ.

އިތުރަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ، ފުލުހުން ޢާއްމު ރައްޔިޔުންނަށް އަނިޔާކުރަން ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި ގެއަކަށްވަދެ މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ރޭ ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށްވަދެ ވަރަށް އަނިޔާވެރިކޮށް މީހަކަށް އަނިޔާކުރާ މަންޒަރެވެ.

ފުލުހުންގެ ތަރުޖަމާނު ރޭ ވިދާޅުވެފައިވަނީ، މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑަރަގް އެންފޯސްމަންޓް ޑިިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ.އުޖާލާގެއަށް މިރޭ 07:35 ހާއިރު ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

"އެގެ ރެއިޑް ކުރިއިރު ފުލުހުން ބޭނުންކުރަންޖެހޭ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ހިފާފައިވާތީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑު އަދި ހިއުމަން ރައިޓްސް ކޮމިޝަން އިންވެސް ތަޙްޤީޤު ކުރުމަށް އެދިވަޑައިގެންފައި." ފުލުހުންގެ ތަރުޖަމާނު ރޭ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ