ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

އަނިޔާކުރި ފުލުހުން ވީޑިއޯ ޑިލީޓް ކުރުވަން ގެއަކަށް ވަތްކަމުގެ ތުހުމަތު!

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑަރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ކޯޓު އަމުރަކާއެކު ރޭ އިރާކޮޅު މ.އުޖާލާގެއަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލަ ހޫނުވެފައިވާއިރު، އަނިޔާކުރާ މަންޒަރުގެ ވީޑިއޯ ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯ ޑިލީޓް ކުރުމަށްޓަކައި ގެއަކަށްވަދެ ބިރުދެއްކި މައްސަލަވެސް މިވަނީ ފެންމަތިވެފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަަނަސް ޢަބްދުއްސައްތާރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން އޮޕަރޭޝަނެއް ކަމަށް ބުނެ އެގެއަށް ރޭ ވަދެ "ބިރު ދައްކާފައި" ވާއިރު ފުލުހުން އަނިޔާވެރިވި މަންޒަރު ފެންނަ ވީޑިއޯއިން ފެންނަނީ އޭނާ ދިރިއުޅުއްވާ ގޭ ދޮރު މަތީގައި ހުންނަ ގެއެއް ކަމަށެވެ.

"ފުލުހުން ވަނީ އަޅުގަނޑުގެ ގެއަަށް ވަދެ ވީޑިއޯ ކުރިތޯ ސުވާލުކޮށް، ފޯނު ބަލައި ވީޑިއޯތަށް ޑިލީޓު ކުރަން އެދިފައި" އަނަސް ވިދާޅުވިއެވެ.

އަނަސް ވަނީ މި އޮފިސަރުންނާާމެދު އުސޫލުގެ ތެރެއިން އަމަލުކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފާ ވާތީ އެކަމަށް ޝުކުރު ދަންނަވާފައެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި ގެއަކަށްވަދެ މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ރޭ ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށްވަދެ ވަރަށް އަނިޔާވެރިކޮށް މީހަކަށް އަނިޔާކުރާ މަންޒަރެވެ.

ފުލުހުންގެ ތަރުޖަމާނު ރޭ ވިދާޅުވެފައިވަނީ، މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑަރަގް އެންފޯސްމަންޓް ޑިިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ.އުޖާލާގެއަށް މިރޭ 07:35 ހާއިރު ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

"އެގެ ރެއިޑް ކުރިއިރު ފުލުހުން ބޭނުންކުރަންޖެހޭ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ހިފާފައިވާތީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑު އަދި ހިއުމަން ރައިޓްސް ކޮމިޝަން އިންވެސް ތަޙްޤީޤު ކުރުމަށް އެދިވަޑައިގެންފައި." ފުލުހުންގެ ތަރުޖަމާނު ރޭ ވިދާޅުވެފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ތަޙްޤީޤުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. hankaley

    fuluhun naai shifain migaumah beynun nuvey e de muahsasaa uvaalan v eirun beynuvaa hurihaa gotakah ulelan faseyha vaane hehe

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ