މ. އުޖާލާގެޔަށް ފުލުހުންވަދެ ހިންގި ކަންތައްތަކުގައި، ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ކޮށްފިނަމަ، އެ ފުލުހަކަށް ޖިނާއީ ދަޢުވާކުރަން ފޮނުވާނެކަމުގައި ނެޝަނަލް އިންޓެގްރެޓީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
2019 ޖުލައި 05 ވަނަ ދުވަހު ކޯޓު އަމުރެއް ތަންފީޒުކުރުމަށް ފުލުހުން މ. އުޖާލާގެއަށް ވަދެ މީހަކަށް އަނީޔާކުރާ މަންޒަރު ފެންނަ ވީޑިއާއި ގުޅޭ ގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދަޅުވެފައި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި ޤަވާއިދާއި ޚިލާފު އަމަލެއް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ޝައްކު ކުރެވިއްޖެނަމަ، ވަކި ފަރާތަކުން އެކަމެއް އެންގުމަކާއި ނުލައި، އަމިއްލަ އިސްނެގުމުގައި، ކުރަންޖެހޭ ތަޙްޤީގުތައް ކުރުމަކީ އެކޮމިޝަނުގެ މަސްޢޫލިއްޔަތެއްކަމަށެވެ.
އެގޮތުން "ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަންގެ ޤާނޫނު" ގެ 08 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އާންމުވި ވީޑިއޯއާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ ކަމަށެވެ.
މި އްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް އޮފިސަރެއް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަޙްޤީގަށް ސާބިތުވެއްޖެނަމަ އެ އޮފިސަރަކާއިމެދު ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށާއި، އަދި މި ތަޙްޤީގާއި ގުޅިގެން ޖިނާޢީ ދަޢުވާއެއް ކުރުމަށް ފެންނަނަމަ، ކޮމިޝަންގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ޖިނާޢީ ދަޢުވާ ކުރުމަށް ޕްރިސިކިއުޓަރ ގެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށްވެސް އެބަޔާނުގައި ވެއެވެ.
އަދި މި މައްސަލައިގެ ތަޙްޤީގު ވަކި ގޮތަކަށް ނުނިމެނީސް، މީސްމީޑިއާގައި ދަޢުރުވަމުންދާ ވީޑިއޯ ދަޢުރު ނުކުރުމަށްވެސް އެ ކޮމިޝަނުންވަނީ އެދިލައްވާފައެވެ.



