ޔާމީން ވެރިކަމުގައި ލުޠުފީ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދީގެން - އިމްރާން

2014 ވަނަ އަހަރުގެ ތެރޭގައި ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ފިލައިގެން އުޅޭތަން އެނގުނު ނަމަވެސް، އޭރު ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން ކަމަށް އަދުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، ލުޠުފީ ރާއްޖެ ނުގެނެވި ލަސްވަމުންދާ މައްސަލައިގައި، މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދާދި ދެންމެއެވެ.

އިމްރާން ވިދާޅުވީ، ލުޠުފީ ފިލައިގެން ހުރިތަނާއި، ބައެއް މުއާމަލާތްތަކުގެ މަޢުލޫމާތު 2014 ވަނަ އަހަރުގެ ތެރޭގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"2014 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މަޢުލޫމާތު ލިބިފައި އެބަހުރި ލުޠުފީ ފިލައިގެން ހުރިތަން. އަދި އޭނާގެ ބައެއް މުއާމަލާތްތަކާއި އުޅެފައި ހުރި ތަންތަން. އަދި އެދުވަސްވަރުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލުޠުފީ އަނބުރާ ގެނައިމަށްޓަކައި މަސައްކަތްތަކެއް ކޮށް، އެކަމުގެ ވަރަށް ފަހު ސްޓޭޖަކާ ހަމައަށް ގެންދެވުނުކަމަށްވޭ." ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެ މަސައްކަތް ހުއްޓުނީ އޭރުގެ ހޯމް މިިނިސްޓަރުގެ ހުއްދަ ނުލިބިގެން ކަމަށެވެ.

"އެހެންނަމަވެސް އޭރުގެ ހޯމް މިނިސްޓްރީގެ ނުވަތަ ހޯމް މިނިސްޓަރުގެ އެޕްރޫވަލްއެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިގެން ގޮސްފައިވަނީ." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެއީ އުދުވަހު ކަން ހިނގިގޮތް ނަމަވެސް އަދުގެ ސަރުކާރުން ތިބީ ލުޠުފީ ރާއްޖެ ގެނައުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ.

ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަކީ ކުރީ ސަރުކާރުން އިސްކަމެއް ނުދެއްވި ކަމެއް ނަމަވެސް، މި ސަރުކާރުން އިސްކަމެއް ދީގެން ކުރައްވާ މަސައްކަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އޭރުގައި މިނިސްޓަރ އަނގަބަހުން ކުރައްވާފައިހުރި މުއާމަލާތްތައް އެއީ، އެ ޓީމާއެކުގައި، އެބޭފުޅުންގެ އަތުގައި އޭނާ ގެނައުމަށް ތައްޔާރުވެ ހުރި ތަންތަނުގެ މަޢުލޫމާތު ހޯދިފައިހުރި އެއްޗެހި ހުރި. އޭރުގައި މިނިސްޓަރ ވިދާޅުވިކަމަށްވަނީ އެހާ ބޮޑު އިސްކަމެއް ނުވަތަ ޕްރައޮރިޓީއެއް ނޫންކަމަށް ކޮންމެހެން ލުޠުފީ އަނބުރާ މާލެ ގެނައުމަށް މަސައްކަތް ކުރުމަކީ." އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ