ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ، އަދުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް އުމަރު ނަސީރު ދޮގުކުރައްވައިފިއެވެ.
ލުޠުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ދެންނެވުމުން ޖަވާބު ދެއްވަމުން ވިދާޅުވީ، 2014 ވަނަ އަހަރުގެ ތެރޭގައި ލުޠުފީ ފިލައިގެން އުޅޭތަނާއި އެހެނިހެން މުއާމަލާތްތަކުގެ މަޢުލޫމާތު ފުލުހުުންނަށް ލިބި، އޭނާ ރާއްޖެ ގެނައުމުގެ އެންމެ ފަހު މަރުޚަލާއަށް ދެވުނު ކަމަށެވެ.
ނަމަވެސް އޭރު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަަށް މިއަދު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
"އެހެންނަމަވެސް އޭރުގެ ހޯމް މިނިސްޓްރީގެ ނުވަތަ ހޯމް މިނިސްޓަރުގެ އެޕްރޫވަލްއެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިގެން ގޮސްފައިވަނީ." ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ދާދި ދެންމެ އުމަރު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
"މަޖިލިސްގައި މިނިސްޓަރ އިމްރާން އަޅުގަނޑާ ބެހޭގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުޠުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު." އުމަރު ވިދާޅުވިއެވެ.
Majlis ga Minister Imran, alhugadaa behey gothun, hedhevee kanda elhigen dhogeh. Luthfee hoadhumah enme gina masahkaiy kuri vazeerakee alhugadu.
Posted by Umar Naseer on Sunday, July 7, 2019
އިމްރާން ވިދާޅުވީ، އެއީ އުދުވަހު ކަން ހިނގިގޮތް ނަމަވެސް އަދުގެ ސަރުކާރުން ތިބީ ލުޠުފީ ރާއްޖެ ގެނައުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައު ލުޠުފީ ހޯދަން ދިވެހި ސިއްރު ފުލުހުން އަވަށްޓެރި ސްރީލަންކާގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގިކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން ސްރީލަންކާގެ ނަވަލޮކާ ހޮސްޕިޓަލްގައި ލުޠިުފީ އާއި ކެރަފާ ނަސީމް އެކުގައި ތިއްބެވިކަމުގެ މަޢުލޫމާތު ލިބިގެން، އެޤައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު، ސްރީލަންކާގެ ފުލުހުން ވަގުތުން ފޮނުވި ކަމަށާއި، ނަމަވެސް ފުލުހުން ދާންވާއިރަށް ލުޠުފީ ފިލާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި ލުޠުފީ ހޯދުމަށް ކުރެއްވި އިތުރު މަސައްކަތްތަކުގެ ތަފްސީލުވެސް ދެއްވާފައެވެ.
ލުޠުފީ ހޯދަން އުމަރުގެ ހޯމް މިނިސްޓަރުކަމުގައި ކުރެވުނު މުހިންމު ކަންކަން:
1- ލުޠުފީ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މަޢުލޫމާތެއް ދޭ ފަރާތަކަށް 75000ރ އިނާމެއް ސަރުކާރުން ހުށަހެޅި.
2- 75000ރ ގެ އިނާމު 10000 ޔޫއެސް ޑޮލަރު (154200ރ) އަށް ބޮޑުކޮށް، އެ މަޢުލޫމާތު ސްރީލަންކާގެ ފުލުހުންނަށް ފޯރުކޮށްދިން.
3- ސްރީލަންކާގެ މިނިސްތަރ އޮފް ލޯ އެންޑް އޯޑަރ އާ އުމަރު ނަސީރުއާ ކޮލަމްބޯގައި ބޭއްވި ރަސްމީ ބައްދަލުވުމުގައި ލުޠުފީގެ މައްސަލަ އެޖެންޑާކޮށް، އެކަމުގައި ސްރީލަންކާގެ އެހީތެރިކަމަށް އެދުނު.
4- ނޭޕާލްގައި ބޭއްވުނު ސާކް ޤައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި ލުޠުފީ ހޯދުމާ ބެހޭގޮތުން ސްރީލަންކާގެ މިނިސްޓަރާ ވަކިން ބައްދަލުކުރައްވާ ވާހަކަދެއްކި.
5- ސްރީލަންކާގެ ޕޮލިސް ޗީފް އާއި އުމަރު ނަސީރުއާ ދެމެދު ބޭއްވުނު ރަސްމީ ބައްދަލުވުމަށް ލުޠުފީގެ މައްސަލަ އެޖެންޑާކޮށް ސްރީލަންކާގެ ފުލުހުންގެ އެހީތެރިކަމަށް އެދުނު.
25 އަހަރަށް ޖަލަށް ލާފައިވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ހުކުމުގެ ބާކީ އޮތީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށް މިއަދު ހޯމް މިނިސްޓަރ ވިދާޅުވިއެވެ.




