މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ޅ.އަތޮޅު ރިސޯޓަކުން ނައިފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާކާ ގުޅިގެން ، ޖުލައި 4 ވަނަ ދުވަހުގެ 18:10 ހާއިރު ނައިފަރު ދެކުނު ފަރާތު ސިނާއީ ސަރަޙައްދުންކަމަށް ފުލުހުން ވިދާޅުވިއެވެ.
"މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަސް ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




