ވޭތުވެދިޔަ ސަރުކާރުތަކުން ނެގީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާ - ޝިދާތާ

ވޭތުވެދިޔަ ސަރުކާރުތަކުން ނެގީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ޤައުމީ އެވޯޑް، "ރިވެލި އެވޯޑް" ދިނުމުގެ ހަލްފާގައި މިއަދު ހެނދުނު މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭ ކަމަށެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމަޢުގައި ދިރިއުޅޭކަން ރިޢާޔަތްކުރެވިގެނެއްނޫން ކަން އެ ފަދަ ޕްރޮޖެކްޓްތަކުގެ ނަތީޖާއިން ފެންނަން އެބަ އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޢާންމު ޚިދުމަތްދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރެވިފައެއް ނުވޭ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއިން ގަސްދުގައި ހަވާސާކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޒަމާންވީ 2020ގެ ތަޞައްވުރަށް ރާއްޖެ މަރުޙަބާ ކިޔަން ތައްޔާރުވާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކަންކަމަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް، މިނިސްޓަރ ވިދާޅުވީ، އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މި ކަންކަން އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ