1998 ވަނަ އަހަރު ނުކުތް ޑިޒްނީގެ ކާމިޔާބު ކާޓޫން، "މުލާން"ގެ ލައިވް އެކްޝަން ފިލްމްގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާފައެވެ.
27 މާޗް 2020 ގައި "މުލާން"ގެ ލައިވް އެކްޝަން ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރު ޑިޒްނީގެ ގިނަ ފިލްމްތަކެއް ފުލުފުލުގައި އަންނަނީ ސިނަމާތަކުގައި އަޅުވަމުންނެވެ.
މި ފިލްމް އެންމެ ފުރަތަމަ ސިނަމާތަކުގައި ރިލީޒްކުރުމަށް ނިއްމާފައިވަނީ މި އަހަރުގެ ނޮވެމްބަރު 2 ގައެވެ. ނަމަވެސް ފަހުން ޑިޒްނީއިން ވަނީ ފިލްމް އަޅުވާ ތާރީޙް ދެން އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފައެވެ.
ކުރީގެ ކާޓޫން އިން ފެނިގެންދާ މަންޒަރުތައް "މުލާން"ގެ ޓްރެއިލާއިން ފެނިގެންދާއިރު، ފިލްމްގައި މުލާންގެ ރޯލުން ފެނިގެންދަނީ ޗައިނާގެ އެކްޓްރެސް "ލިއު ޔިފ" އެވެ.
ބެލުންތެރިންގެ ފަރާތުން "މުލާން" ކާޓޫންއަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު، ކާޓޫން ގެ ލައިވް އެކްޝްން ފިލްމަށް، ބެލުންތެރިން ބޮޑު އުއްމީދެއް ކުރާނެކަން ގައިމެވެ.
ޑިޒްނީއިން އެންމެ ފަހުން ރިލީޒްކޮށްފައިވާ ލައިވް އެކްޝަން ފިލްމް، "އަލައްދީން" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ދެން އެންމެ އަވަހަށް ފެންނާނެ ޑީޒްނީގެ ލައިވް އެކްޝަން ފިލްމަކީ، މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ "ދަ ލަޔަން ކިންގް"އެވެ.




