ކުޑަ ކުއްޖަކު ވިއްކާލިކަމަށް ބުނާ މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ވިއްކާލާފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.
ދާދި ދެންމެ ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކު ވިއްކާލިކަމަށްބުނެ ހުށަހެޅުނު މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާކަމާއި، ނަމަވެސް މިވަގުތު އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.
މިހާދިސާއާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީއަށް ސުވާލުކުރުމުން އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "މިކަމާ ގުޅޭގޮތުން މިވަގުތު އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް" ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއް އަހަރުގެ ތުއްތު ކުއްޖާ 30000ރ އަށް ދަރިން ނުލިބޭ ދެމަފިރިއަކަށް ވިއްކާލާފައިވަނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކުއްޖާ ވިއްކާލި މަންމައަށް "ހަދިޔާއެއްގެ ގޮތުގައި 30000ރ ދޭކަމަށް" ކުއްޖާ ވިއްކާލި އެއްބަސްވުމުގައި ބުނެފައިވެއެވެ.
ވިއްކާލި ތުއްތު ކުއްޖާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވީ ނަމަވެސް، އެ މިނިސްޓްރީން ވަކި އެއްޗެއް ވިދާޅުވެފައި ނުވާތީ އެކަންވެސް ވަނީ އިތުރަށް ކަށަވަރު ކުރެވޭ ގޮތް ނުވެފައެވެ.
ކުޑަ ކުއްޖަކު ވިއްކާލި މައްސަލައެއް ފެންމަތިވެފައިވާއިރު، ތުއްތު ކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަތައްވެސް އުޅެނީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައެވެ.