ކުރީގެ ސީޕީ ހުސައިން ވަހީދު - ފޮޓޯ: ސަން

އިމްރާންގެ ވާހަކަފުޅު ކުރީގެ ސީޕީވެސް ދޮގުކޮށްފި

ހ. ހާޖަރާގެ, އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވުމުން ކަމަށް، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުވެސް ދޮގުކުރައްވައިފިއެވެ.

ލުޠުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ދެންނެވުމުން ޖަވާބު ދެއްވަމުން ވިދާޅުވީ، 2014 ވަނަ އަހަރުގެ ތެރޭގައި ލުޠުފީ ފިލައިގެން އުޅޭތަނާއި އެހެނިހެން މުއާމަލާތްތަކުގެ މަޢުލޫމާތު ފުލުހުުންނަށް ލިބި، އޭނާ ރާއްޖެ ގެނައުމުގެ އެންމެ ފަހު މަރުޚަލާއަށް ދެވުނު ކަމަށެވެ.

ނަމަވެސް އޭރު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ކުރީގެ ސީޕީ ހުސެއިން ވަހީދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރ އިމްރާންގެ ވާހަކަފުޅަކީ އަމިއްލަ ހިޔާލީ ވާހަކަފުޅެއް ކަމަށެވެ.

"2014 ވަނަ އަހަރު ފުލުހުންގެ އެންމެ އިސް މީހެއްގެ މަގާމުގައި ހުރީ އަޅުގަނޑު. ފަހަރެއްގައި ދުވަހަކުވެސް މިނިސްޓަރ އުމަރު (ލުތުފީ ނުގެންނަން) އެފަދަ ވާހަކައެއް ދައްކާފައެއް ނުވޭ. ލުތުފީ ހޯދުމަކީ މިނިސްޓަރ އުމަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޕްރިއޯރިޓީއެއް". ސީޕީ ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ، އޭރު ލުތުފީ އުޅުނީ ފިލައިގެން ކަމަށާއި، ރައީސް ޔާމީން އާއި މިނިސްޓަރ އުމަރު ލުތުފީ ފެނޭތޯ އަދި ހޯދާ ގެނައުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި މިހާރު ލުޠުފީ ފެނުމުން އަމަލު ކުރައްވަން ޖެހޭ ގޮތަށް އަމަލު ކުރީމަ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލެއް ނެތް ވާހަކަތަކެއް ފެތުރުމަކީ ރައްޔިތުންތަކަކަށް އޮޅުވާލުމެއް، އަދި މަޖިލީސްގައި މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުތަަކަކީ މަޖިލީސް މެންބަރުންނަށް އޮޅުވާލެއްްވުމަށް ގަސްތުގައި ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް". ކުރީގެ ސީޕީ ހުސައިން ވަހީދުގެ ފޭސްބުކް ޕޯސްޓްގައި ވެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ ވާހަކަފުޅު އުމަރު ނަސީރުވެސް ވަނީ ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ