ވޭތުވެދިޔަ ހަމަހު ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ބަނޑާރަނައިބުގެ އޮފީހުން މިއަދު އާއްމުކުރި ވޭތުވެދިޔަ ހަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުންގެ 22 މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ. ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ، އެ ހުރިހާ މައްސަލައަކީވެސް ވަޒީފާއާ ގުޅޭ މައްސަލަތައް ކަމަށެވެ.
ދެވަނައަށް އެންމެން ގިނައިން ޑިފެންސް މިނިސްޓްރީއާ ދެކޮޅަ ދައުވާ އުފުލާފައިވާއިރު، ހައުސިންގ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ އާ ދެކޮޅަށްވެސް ނުވަ ފަރާތަކުން ދައުވާ އުފުލާފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަންޑާރަނައިބުގެ އޮފީހުން 167 މައްސަލައެއްގައި ވަކާލާތުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދައުލަތަށް ރައްދުވާ 111 މައްސަލައާއި ބަންޑާރަނައިބުގެ އޮފީހުން ޗއުވާކުރި 56 މައްސަލަ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.
167 މައްސަލައިގެ ތެރެއިން މިހާތަނަށް ކޯޓަށް ހުށަހެޅިފައި ނުވަނީ 21 މައްސަލައިގައި ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ދައުލަތަށް ދައުވާޅިބޭ ގިނަ މައްސަލަތަކަކީ ސިވިލް ކޯޓުގައި ކުރިއަށް މައްސަލަތަކަށްވާއިރު، ދައުލަތުން ދައުވާކުރާ ގިނަ މައްސަލަތަކަކީ ސްޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަތަކެވެ.



