މޯލްޑިވިއަން އިން އިތުރު ދެ ބޯޓު ގެންނަނީ

ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންއަށް އިތުރު 2 ބޯޓު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އައިލޭންޑް އޭވިއޭޝަނުން ހާމަކުރައްވައިފި އެވެ.

އެކުންފުނިން މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީއަށް މައުލޫމާތު ދިނުމަށް އެކޮމެޓީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒުވީ ވިދާޅުވީ ރާއްޖޭގައި އަލަށް ހަދަމުން އަންނަ އެއާޕޯޓު ތަކުގެ މަސައްކަތް ނިމި ދަތުރުތައް ފެށުމަށް އިތުރު ދެ މަތިންދާ ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ތެރޭގައި 4 އެއާޕޯޓެއް އަލަށް ހުޅުވާއިރު މިހާރު ބޭނުން ކުރަމުން އަންނަ ބޯޓު ތަކުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ދަތުރުތައް ނުކުރެވޭނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އެހެން ކަމުން މި ދަތުރު ތަކަށް އިތުރު 2 މަތިންދާ ބޯޓު ބޭނުންވާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ ފްލީޓް އެކްސްޕޭންޝަންގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ހަތަރު އެއާޕޯޓެއް މި އަހަރު ތެރޭގައި ހުޅުވޭނެ. މިހާރު ހުރި ފްލައިޓްތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ރިސޯޓުތަކަށާއި އެއާޕޯޓުތަކަށް ޔުޓިލައިޒް ނުކުރެވޭނެ. އެހެންވީމާ ކުރިއަށް އޮތްތާނގައި އިތުރު ދެ އެއާ ކްރާފްޓް ގެނެސްގެން ނޫނީ މި އެއާޕޯޓުތަކަށް ޑެއިލީ ދަތުރުތަކެއް ނުބޭއްވޭނެ" ރިޒްވީ ވިދާޅުވިއެވެ.

ރާއްޖޭގެ 11 އެއާޕޯޓަކަށް ދަތުރު ކުރުމަށް މޯލްޑިވިއަނުން އަންނަނީ 10 މަތިންދާ ބޯޓު ބޭނުން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ