ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެކު މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

ށ. މިލަންދޫ ސިއްޙީ މަރުކަރު، ދަރަޖަ 1 ގެ ހޮސްޕިޓަލަކަށް ބަދަލުކުރަން ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

މިއަދު އޮތް މި ރަސްމިއްޔާރުގައި މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ޒުހައިރުއެވެ. ފައިމީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަތުހުﷲ އާދަމްއެވެ.

ށ. މިލަންދޫ ޞިއްޙީމަރުކަޒަކީ މިހާރު 24 ގަޑިއިރު ޚިދުމަތްދޭ ދަރަޖަ 3 ގެ ޞިއްޙީމަރުކަޒެކެވެ. މި ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތާއި، 3 ކޮންސަލްޓޭޝަން ރޫމާއި، ލޭބަރ ރޫމަކާއި، 8 އެނދުގެ އިތުރުން ގައިނީގެ ޚިދުމަތް (2017 ޑިސެންބަރ އިންފެށިގެން) އަންނަނީ ދެމުންނެވެ.

މި އެއްބަސްވުމާއިއެކު އަލަށް ޑިޒައިންކޮށްއާ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަނުން ލިބެމުންއައި ޚިދުމަތްތައް ފުޅާކޮށް އާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި، ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތާއި، ހޭނައްތާ ޑޮކްތަރުގެ ޚިދުމަތާއި، އޮޕަރޭޝަން ޑޮކްޓަރުގެ ޚިދުމަތުގެ އިތުރުން އެތެރެ ހަށީގެ ޑޮކްޓަރުގެ ޚިދުމަތް ލިބޭނެއެވެ.

އަދި ދަތުގެ ޙާއްސަ ފަރުވާއާއި، ޑައިލަސިސްގެ ޚިދުމަތާއި (4 އެނދުގެ)، ފިޒިއޮތެރެޕީގެ ޚިދުމަތް ވެސް ލިބޭނެއެވެ. މީގެ އިތުރުންވެސް މި ޕްރޮޖެކްޓާއެކު އެމެޖެންސީ ރޫމާއި، މައިނަރ NICU, ICU, OT، އެކްސްރޭގެ ޚިދުމަތާއި، ލޭބަރ ރޫމްއާއި އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތްވެސް ފެށިގެން ދާނެއެވެ.

އަލަށް އެޅިގެންދާ މި ހޮސްޕިޓަލުގައި 06 ޕްރައިވެޓް ރޫމާއި، 5 ވާރޑާއެކު ޖުމްލަ 35 އެނދު ހުންނާނެއެވެ.

މި ޚިދުމަތްތަކުގެ އިތުރުން ޕަބްލިކް ހެލްތްގެ މަސައްކަތް ހަރުދަނާ ކުރުމަށް ވެކްސިން ސްޓޯރ ކުރާ ކޮޓަރިއަކާއި، ކޮންފަރެންސް ހޯލެއްވެސް ހުންނޭއެވެ.

މީގެ އިތުރުން ސ. ހުޅުމީދޫ ޞިއްޙީމަރުކަޒުގައި އެކްސްޓެންޝަން ޢިމާރާތެއް އެޅުމަށްވެސް 1،317،465.79 ރުފިޔާއަށް ވަނީ ހަމަ މި ކުންފުންޏާއި މިއަދު ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ