ގއ. މާނާގަލާގައި ހެޗަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ވާހަކަދައްކަވަމުން ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މާނާގަލާގައި ހަދާ ހެޗަރީގައި އާލާކުރާނެ އެންމެ ހާއްސަ ބާވަތަކީ ފާނަ އާއި ހުއިފިލަނޑާ ކަމަށެވެ.
ވޯލްޑް ބޭންކްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މިމަޝްރޫއުގެ އިތުރުން ކ. މަނިޔަފުށީގައި މަސްވެރިކަމާ ގުޅޭ ތަމްރީންތައް ކުރިއަށް ގެންދިއުމަށްޓަކައި ތަމްރީން މަރުކަޒެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ ހުއިފިލަނޑާއާއި ފާނަ އަކީ ބޮޑު އަގެއް ލިބޭ އެއްޗަކަށްވާތީ މިބާވަތްތައް އާލާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ހުއިފިލަނޑާއާއި ފާނަ އާލާކުުރުމަށް ނިމިދިޔަ ސަރުކާރުގައި ކ. މަނިޔަފުށީގައި މަސައްކަތްތަކެއް ކޮށްފައިވާއިރު އޭގެ ކުރިން ވ. ބޮޑުމޮހިރާގައިވެސް މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް މިމަޝްރޫއުތަކުގެ މާބޮޑު ތަފްސީލްތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.




