މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ. ޤައުމުގެ އިޤްތިޞާދުގެ ދެވަނައަށް އެންމެ ބޮޑު އަދި ސީދާ ރައްޔިތުމީހާއަށް އެންމެ ގިނަ ފައިސާ ވަންން ސިނާއަތެވެ. އެ ސިނާއަތުގެ ވާހަކަ މިފަހަރު ސައްލާކޮށްފައިވަނީ "ޖަޒީރާ ހޮޅުއަށީގަ"އެވެ.
ރޭ ގދ.ތިނަދޫގައި ރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގެ ތިންވަނަ ޕްރޮގްރާމް ނިންމާލާފައިވަނީ ރައީސް ޞޯލިޙްގެ ސުވާލަކުންނެވެ. ހޮޅުއަށި ނިންމަމުން ރައީސް މަވެރިންނަށް ކުރި ސުވާލަށް މަސްވެރިންގެ ފަރާތުން އެވަގުތު ޖަވާބެއް ލިބިފައި ނުވެއެވެ.
ރައީސް ފަހުވަގުތު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރަށްރަށަށް ދަތުރުކުރިއިރު ގަވާއިދާ ޚިލާފަށް ލޭނުގެ މަސްވެރިކަން ކުރި ފަރާތްތަކާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް މަސްވެރިން ހިއްސާކުރި ކަމަށެވެ.

"ލޭނު މަސްވެރިކަމާ ބޭގޭގޮތުން ތިބޭފުޅުން އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ. ކަންބޮޑުވުމެއްވެސް އޮތްވާހަކައެއް، އެއްވެސް ހިޔާލެއް ނުދެއްވާ!" ރައީސް ޞޯލިޙް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ސަރުކާރުން ތިބީ އެ ބޯޓުތަކުގެ ލައިސަންސް އިތުރުކޮށްދޭ ގޮތަށް ނޫން ކަމަށާއި، އެ ނިންމުން ނިންމާނީ މަސްވެރިންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން މަސްވެރިން އެއްވެސް ހިޔާލެއް ނުދެއްވާތީ ރައީސް ސުވާލުއުފެއްދެވިއެވެ.
ރައީސްގެ މި ސުވާލުތަކަށް މަސްވެރިންގެ ފަރާތުން، "ސައުތު ހުވަދޫ އެސޯސިއޭޝަން" ގެ ފައުންޑަރ އަދި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނާޝިދު މިވަނީ ޖަވާބު ދެއްވާފައެވެ. އަޙްމަދު ނާޝިދު ވިދާޅުވީ، ޖަޒީރާ ހޮޅުއަށީގައި ރައީސްގެ އެ ސުވާލަށް ޖަވާބެއް ނުދެއްވުމަކީ އުނިކަމެއް ކަމަށާއި، ޓްވިޓަރ މެދުވެރިކޮށް މަސްވެރިންގެ ފަރާތުން ޖަވާބު ދެއްވީ އެސަބަބަށްޓަކައި ކަމަށެވެ.

އަޙްމަދު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގެ ބައިވެރިންނަށް ފަހުވަގުތު ރައީސް ކުރެއްވި ސުވާލަށް ބައިވެެރިންގެ ފަރާތުން ޖަވާބެއް އެރުވިފައި ނުވާތީ ޖަވާބު ދެއްވާ ކަމަށާއި، މަސް ކަނޑުތަކުން ލޭނު އަޅައިގެންނާއި، ބޯޓްތަކުން ހުއްދަ ލިބިގެން އަދި ވަގަށް ކުރަމުންދިޔަ މަސްވެރިކަން ހުއްޓުވަން ފާއިތުވި ހަމަސް ތެރޭގައި މަނިކުފާނު ދެއްވި ޚާއްޞަ އިސްކަމަށްޓަކައި އެވާހަކަ އުފަލާއެކުގައި ނުދެއްކެވީ ކަމަށެވެ.
"އެކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ރާއްޖޭގެ ހުރިހާ މަސްވެރިންގެ ނަމުގައި ވަކިން ޚާއްޞަކޮށް ހުވަދޫ މަސްވެރިންގެ ނަމުގައި މަރުޚަބާ ދަންނަވަން." އަޙްމަދު ނާޝިދު ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ މަސްވެރިންނަށް ގެއްލުންވާގޮތަށް ވަގަށާއި، އެކި ގޮތްގޮތުން ހުއްދަ ލިބިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ފަރާތްތަކުން ލޭނުގެ މަސްވެރިކަން ކުރާކަމުގެ ޝަކުވާތައް ރިޔާސީ އިންތީޚާބުގެ ދުވަސްވަރު ވަރަށް ބޮޑަށް ތިލަވެގެންދިޔައެވެ.
އެފަދަ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރުން ވަނީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާފައެވެ.