މިދިޔަ މަހު ރެކޯޑު އަގަކަށް ކާޑިފްއަށް ބަދަލުވި 28 އަހަރުގެ އެމިލިއާނޯ ސަލާ މިމަހުގެ 21ގައި އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީ ހިނގި ހިތާމަވެރި ހާދިސާގައި މަރުވެފައިވާއިރު މިހާދިސާގެ ސަބަބުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމަށްފަހު ޓްރާންސްފަރ ފީގެ ފައިސާ ދައްކާނެކަމަށް ކާޑިފްގެ ޗެއަރމަން މެހްމެޓް ޑެލްމަން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަލާގެ ހަށިގަނޑު ފެނިފައިވާއިރު، މޫދު ތެރޭގައި އެތައް ދުވަހެއް ވަންދެން އޮތް ހަށިގަނޑު ނެގުމަށްފަހު އިދާރާތަކުން އެއީ ސަލާކަން ޔަޤީންކުރީ އިނގިލީގެ ނިޝާނުގެ އެހީގައެވެ. ސަލާއާއެކު ދަތުރުކުރު ޕައިލެޓް އިބޮޓްސަންގެ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ފައިސާ ހޯދައި މިމަސައްކަތް އަދިވެސް ކުރިއަށްދާއިރު ކާޑިފްގެ ވެރިޔާ މިމަސައްކަތަށް 50 ހާސް ޕައުންޑް ހަދިޔާކޮށްދީފައިވާކަމަށް ރިޕޯރޓުތަކުގައިވެއެވެ.
ސަލާ ޓްރާންސްފަރގެ ފުރަތަމަ އިންސްޓޯލްމަންޓް ހޯދުމަށް ނަންޓެސްއިން އެދިފައިވާއިރު ކާޑިފްއަކީ އިޙްތިރާމުކުރަން ދަންނަ ޓީމެއްކަމަށާއި ސަލާގެ ޓްރާންސްފަރ ފީ ކާޑިފުން ދައްކަންޖެހޭނެކަމަށާއި ނަމަވެސް ހިނގާދިޔަ ހާދިސާގެ ސަބަބުން ހޯދަންޖެހޭ މަޢުލޫމާތުތަކެއް ހޯދަމުންދާތީ އެފައިސާ ދެއްކިފައނުވަނީ ކަމަށާއި ކާޑިފްއިން އެކަމުގައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަކަމަށް ބީބީސީ ސްޕޯރޓްސްއަށް ޑެލްމަން ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.