ހުޅުމާލެ ތަރައްޤީ ކުރުމަށް ދަޢުލަތުން ބިލިއަން ރުފިޔާ ޚާރަދުކުރާ ފަދައިން، ފިޝަރީޒް އިންޑަސްޓްރީ އިތުރަށް ތަރައްޤީ ކުރުމަށް ބިލިއަން ރުފިޔާ އިންވެސްޓްކޮށްފިނަމަ، ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ކުރިހޯދިދާނެ ޤައުމެއް ކަމުގައި ވިލިގިނލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެންވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓްއެއްގައެވެ. މި ޓްވީޓްގައި ސައުދު އިތުރައް ވިދާޅުވެފައިވަނީ "އާ ސިޔާސަތުތަކާއެކު ނޫ އިޤްތިޞާދު ބިނާކުރެވޭނެ" ކަމަށެވެ.
ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުކަމުގައި ވާތީ ދިވެހިންނާއި މަސްވެރިކަމާވަނީ ވަކި ނުކުރެވޭނެފަދައިން ވަނީ ގުޅިފައެވެ. އަދި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުހިންމު މަސައްކަތެވެ. ރާއްޖެއިން ބާނާ މަސް ދުނިޔޭގެ އެކި ޤައުމުތަކަށް ދަނީ އެކްސްޕޮޓްކޮށް އެއިން އާމްދަނީ ލިބެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުން އާންދަނީ ހޯދުމަށް ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް މަސްވެރިކަމެވެ.