ހުޅުމާލޭގައި ދިވެހި ސަރުކާރުން އިތުރު ސްކޫލެއް އިމާރާތްކުރުމަށް ނިންމައި، ސްކޫލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި އައު ސްކޫލްއެއް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެޑިޔުކޭޝަނުގެ އިއުލާނުގައި ބުނެފައިވަނީ، މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޖުލައި 2019 އިން 24 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދޭ ކަމަށާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
ބިޑް ހުޅުވުން އޮންނާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ހުޅުމާލޭގައި ސަރުކާރުގެ އައު ސްކޫލެއް ތަރައްޤީކުރަން ނިންމެވިއިރު، މިހާރުވެސް ސަރުކާރުގެ ތިން ސްކޫލެއް އަންނަނީ ހިންގަމުންނެވެ. އެއީ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން މި އަހަރު ހުޅުވި ހުރަވީ ސްކޫލެވެ. މި ތިން ސްކޫލުގެ އިތުރުން އިންޓަރނޭޝަނަލް ސްކޫލަކާއި، ޕްރީ-ސްކޫލެއް ވެސް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ.
ހުޅުމާލޭގައި އައު ސްކޫލް އަޅާ ސަރަހައްދު އެ މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައި ނުވީ ނަމަވެސް، ބެލެވޭ ގޮތުގައި އައު ސްކޫލް ތަރައްޤީ ކުރާނީ، އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.



