ފުވައްމުލަކު ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި 16 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއަށް 270 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ފުވައްމުލަކުގެ ވަށައިގެން އޮންނަ ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި ސަރުކާރުން ބޭނުންވަނީ ފުވައްމުލަކުގައި ތަައްޤީކުރާ މަގުތަކުގެ ބޭސް ލޭޔާގައި ހިލަ ބޭނުންކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހެދުމަށް ކަމަށެވެ. އެހެންކަމުން ކުރިން މި މަޝްރޫއަށް ކަނޑައަޅާފައިވާ އަގަށްވުރެ 20 އިންސައްތަ މިހާރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކު މަގުތަކުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައި މިވަނީ އެރަށު ރައްޔިތުންގެ ގިނަ ބަޔަކު މީސްމީޑިއާގައި އިޙްތިޖާޖު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަގުތަކުގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތަކަށް ވާތީ ވީ އެންމެ ބާރުމިނެއްގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.



