ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމްގެ ވާހަކައަކީ އަބަދުވެސް ތިލަދުންމަތީގެ ރައްޔިތުންނަށް އިވޭ، އެހެނަސް އަޑުއަހާ ހިއްވާ އުންމީދީ ވާހަކައެވެ. ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ ހދ. އަތޮޅަކީ މާލޭގެ އުތުރުގައި އޮތް އެންމެ ބޮޑު އާބާދީއެވެ. އަދި ހއ، ށ އަތޮޅާއެކު ކިޔާނަމަ މާލެ ފިޔަވައި ރާއްޖޭގައި އޮތް އެންމެ ބޮޑު އާބާދީއެވެ. މި ތިން އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް ދާންޖެހިފައިވަނީ ހދ. އަތޮޅުގެ ވެރިކަން ކުރާރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.
ދިގު ދަތުރު ތަކަށް ފަހު، ހޮސްޕިޓަލަށްގޮސް ހަދަން ޖެހެނީ ދިގު ކިޔޫ ތަކެވެ. އެހެނަސް ކޮންމެހެން ހޯދަންޖެހޭ ސިއްޙީ ފަރުވާ ހޯދުމަށް މިކަން މާބޮޑު ކަމަކަށް ނުވެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހޮސްޕިޓާ އޮންނަނީ ތޮއްޖެހި ފުރިބާރުވެފައެވެ. އެ ހާލަތު އިޙްސާސް ކުރެވޭނީ އެމަންޒަރު ފެނިފައި ހުރި އެކަން ތަޖުރިބާކުރި މީހަކަށެވެ. ތެދުތެދަށް ބުނާނަމަ މިއީ މާލޭގެ ހޮސްޕިޓާތައް ނަގާފައި އެންމެ ބާރުބޮޑު ހޮސްޕިޓަލެވެ. ނަމަވެސް ހޮސްޕިޓާގެ ބައެއް ކަންތައްތައް ހުންނަ ގޮތުން އަބަދާ އަބަދު ޝަކުވާތައް ދަނީ ކުރެވެމުންނެވެ. ތިން އަތޮޅުގެ މީހުން ބޭނުންކުރާ އުތުރުގެ ބޮޑު ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މިއީ އަޑުއަހަން އުނދަގޫވި ނަމަވެސް އާވާހައަކަށް ނުވާނެކަން ޔަގީނެވެ. މިއީ ކަން ހިނގާ ގޮތެވެ. ވިސްނާލަބައްލަވާށެވެ! ރީޖަނަލް ހޮސްޕިޓަލެއްގައި ސްކޭން ޑޮޑްޓަރެއް ނެތް ވާހަކަ އަޑު އިވުމުން ޤަބޫލުކުރެވޭނެ ތޯއެވެ؟ މާބަނޑު އަންހެނަކު ކުރަންޖެހޭ އެންމެ ސްކޭނެއް ކޮށްލުމަށް ދިގު ދަތުރަކަށް ފަހު މާލެ ދެވޭނެ ތޯއެވެ؟ ތަނަވަސްކަން ހުރި މަދު ބަޔަކަށް ވައިގެމަގުން މާލެ ދެވުނު ކަމުގައިވިޔަސް ގިނަ މީހުންނަކީ އެހާ ފުދުންތެރިބައެއް ނޫނެވެ. މިއީ މިސާލެއް ޖެހުމުގެ ގޮތުން ބުނި ވާހަކައެއް ނޫނެވެ. ކަންތައް ހިނގާފައިވާ ގޮތެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރެއް ނެތި އެތައް ދުވަހެއް ދެއެވެ. މިހާރުވެސް ކަށީގެ ޑޮކްޓަރެއް އެތާކު ނެތެވެ.
ކުޅުދުއްފުއްޓަކީ ބޮޑުތިލަދުންމަތީގެ މައި ތަނބެވެ. 2017 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހަކީ މުޅި ބޮޑު ތިލަދުންމައްޗައްވެސް އުފާވެރި ދުވަހެކެވެ. އެދުވަހަށް އިރު ދުނިޔެ އަލިކޮށްލީ މުޅި ބޮޑު ތިލަދުންމަތި އުފާކުރުވަމުންނެވެ. މިއީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ހަވާލުކުރި ދުވަހުއެވެ.
ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ހޮސްޕިޓަލަށް ގެނެވުނު ނަމަވެސް ހިތްހަމަޖެހޭ އެކަށީގެންވާ ބަދަލެއްނުފެނުނެވެ. އަޑު އިވުނީ ހަމައެކަނި ވާހަކަ ތަކެކެވެ. ފެނުނީ ޚަބަރުތަކުގެ ފަލަ ސުރުޚީ ތަކެކެވެ. އަތުނުޖެހުނީ ބޭނުންވި ޚިދުމަތެވެ. އުންމީދު ކިތައްމެ ބޮޑުވިޔަސް ދިގުލައި ދިޔަ ދުވަސްތަކަށްފަހު އެބުނާ ޓާޝަރީ ފެންވަރުގެ ޚިދުމަތެއް ނުލިބުނެވެ. އެންމެ ފަހުން އެކަން ނިމިގެން ދިޔައީ ކައްކާލި ހިޔަލީ ފޮލާއަކަށް ވެގެންނެވެ.
ދެތިން އަހަރު ކުރިޔަށް ޖެހިލާނަމެވެ. ހޮސްޕިޓަލްގައި އެ ވަގުތު ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން މާބަނޑު މީހުން ވިއްސުމުގެ ކަންކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ. ވިހެއި ނަމަވެސް ކުޑަކުއްޖާގެ ހާލަތު ބަލާނެ ކުޑަކުދިންގެ ޑޮކްޓަރެއް ވެސް އޭރަކުނެތެވެ. ނުވިތާކަށް އެޑްމިޓް ކޮށްފައި ތިބި ބައެއް ބަލި މީހުން ޑިސްޗާޖް ކުރުމަށްފަހު ޑިސްޗާޖް ފޯމުގައި ސޮއި ކުރާނެ ޑޮކްޓަރަކު ނެތުމުން ގެއަށް ނުދެވި އެތައް އިރުތަކެއް ވަންދެން ހޮސްޕިޓަލުގައި މަޑުކުރަންޖެހުނު ދުވަސް ވެސް އައިސްފައިވެއެވެ.
މިހާހިސާބުން އެ ވާހަކަ ބާއްވާލަމާތޯއެވެ. މިއަދުގެ ހާލަތައްވެސް ބަލާލުމުގެ ނިޔަތުގައެވެ. އަނެއްކާވެސް އުންމީދު އާވެގެން ދިޔައީ މިހާރުގެ ހެލްތް މިނިސްޓަރ އަބުދުﷲ އަމީން 2018 ޑިސެންބަރު 20 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާ ދެއްކެވި އުންމީދީ ވާހަކަފުޅުންނެވެ.
އަތޮޅުތެރޭގައި ހުރި އެންމެ ބާރުބޮޑު ހޮސްޕިޓާ ވެގެން ދާނީ ސިއްހީ ސިޔާސަތުގެ ތެރެއިން ހޮސްޕިޓާތައް ތަރައްގީކުރުމަށް ގެންގުޅުއްވާ ލިސްޓްގައި އެންމެ ފުރަތަމަ ތަރައްގީކުރާނެ އެއް ހޮސްޕިޓާކަމަށްވަނީ ވިދާޅުވެފައެވެ. ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ.
އޭގެ ފަހުން 7 މަސް ވީއިރު، އަދިވެސް ހާލަތަށް ބަދަލެއްއައިސްފައެއް ނުވެއެވެ. ދެއްކެވި ވާހަކަތައް ހުރީ ނޫސްތަކުގައި ލިޔެ ފައިލް ކުރެވިފައެވެ. މައްސަލަ ނިމުނީ ބާއެވެ؟ ނޫނެކެވެ! މުޅި ތިލަދުންމަތީގެ ރައްޔިތުން ތިބީ އުންމީދުގައެވެ. މިއަދުގެ ހާލަތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު ވީ ޗުއްޓީއަށް ގޮހެވެ. ޚިދުމަތް ހުރީ މެދުކެނޑިފައެވެ. މީގެ އިތުރުން ލޮލުގެ ޑޮކްޓަރުންގެ ހިދުމަތާއި ހަމުގެ ޑޮކްޓަރުންގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
ފައިގެ އިނގިއްޔެއް ބިނދިގެން އެހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ މީހަކަށް ފަރުވާ ނުދެވި ހއ.ދިއްދޫއަށް މިހަފްތާގެ ހޯމަދުވަހު ފޮނުވާލިއިރު އިއްޔެވެސްވަނީ އެކްސިޑެންޓެއްގައި އިނގިއްޔެއް ބިނދުނު މީހަކަށް ފަރުވާ ނުދެވުމުން މާލެ ފޮނުވާލައިފައެވެ. މިއީ ދުވަހަކުވެސް ދެކެން ބޭނުންވާ ކަންތައްތަކެއް ނޫނެވެ.
ކުޅުދުއްފުށީ ރީޖަލަސް ހޮސްޕިޓަލުގެ ޚިދުމަތާއި މެދު ބައެއް ފަރާތްތަކުން ދެކިލައްވަނީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ވަނީ ތާށިވެފާކަމަށެވެ. ބުނެލަން އޮތީ ފެށުމުގައި ދަންނަވާލި ވާހަކައެވެ. ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމްގެ ވާހަކައަކީ އަބަދުވެސް ތިލަދުންމަތީގެ ރައްޔިތުންނަށް އިވޭ، އެހެނަސް އަޑުއަހާ ހިއްވާ އުންމީދީ ވާހަކައެވެ.
ބޮޑުތިލަދުންމަތީގެ 25000 ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލުމުގެ ކުރިން، ކަމާގުޅުންހުރި އެންމެހާ ފަރާތްތައް ނިދިން ހޭލައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކާއި، ދިމާޥެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވަނާނެކަމަށް ގިނަ ބަޔަކު އަދިވެސް އުއްމީދުކުރެއެވެ.



