ސިއްރުކޮށްދޭށެވެ!

ދެހާހުގެ އަހަރު ތަކުގެ ކުރީ ކޮޅެވެ. ރެޔަކީ ކަޅުފޮއި ރޭތަކުގެ ތެރެއިން ރެއެކެވެ. އުޑުމަތި ހީވަނީ ކަޅު ފަރުދާއަކުން ނިވާކޮށްލެވިފައި ވާހެންނެވެ. ގަޑިން ރޭގަނޑު 10:30 ވީއިރު ރަށުތެރެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ގޭގޭގެ ދޮރުތައްވަނީ ލައްޕާ ހުދު އަލީގެ ހޮޅިބުރިތައް ނިދާ ބޮތްކަށް ބަދަލުކުރެވިފައެވެ. އަހަރެންވެސް އޮފީހުގައި ކުރަންވެފައި ހުރި ބައެއް މަސައްކަތްތައް ނިންމާލާފައި އައިސް ކައިގެން ނިދުމުގެ ކުރިން އިނީ ގޭ ފެންޑާގައި އެލުވާފައި ހުރި އުނދޯލީގައި ދުފާލާށެވެ. އަހަރެންނަށް ކާން ހަދާ ދިނުމަށްފަހު އޭރު މަންމަ ނިދަން ވަދެއްޖެއެވެ.

ރަށަކީ ތިންސަތޭކައެއްހާ މީހުން އުޅޭ، އާބާދީ ކުޑަ، ދީންވެރި ރައްޔިތެއް އުޅޭ ރަށެކެވެ. ރަށުގައި ތަޢުލީމީ ފެންވަރު ރަނގަޅު ނުވުމާއި ވަޒީފާގެ ފުރުޞަތު މަދުކަމުން ގިނަ ބަޔަކު ދިރިއުޅެމުންދަނީ މާލެއާއި އަތޮޅުގެ އެހެން ރަށްރަށުގައެވެ. ރަށުގެ ބޮޑު ބައެއްވަނީ ފަޅުވެފައެވެ. ފަޅު ގެ އެހާ ގިނައެވެ.

ބައްޕަ ނިޔާވިފަހުން ގޭގައި އުޅެނީ އަހަރެންނާއި މަންމަ އެކަންޏެވެ. ދެބައި އުމުރަށް އެޅިފައިވާއިރު އަދިވެސް އަހަރެން މީހަކާ ނީނދެ ހުންނާތީ މަންމަ އެކަމާ ވަރަށް ޝަކުވާ ކުރެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާގޮތުގައި ކައިވެންޏަކީ މީހަކު ބުނެގެން މީހަކަށްޓަކައި ކޮށްދެވޭނެ ކަމެއް ނޫނެވެ. މަންމަގެ އުމުރު ފަންސާހުން މައްޗަށް ގޮސްފައިވާއިރު ދުވަހެއް ދުވަހަކަށް ގައިގެ ބާރު ދެރަވާކަން އެނގިހުރެ އަހަރެން ބޭނުންވަނީ މަންމައަށް ފަސޭހަކޮށްދެވޭނެ ކަހަލަ، އަހަރެންނަށްވެސް އަޅާލާނެ ޚުލްޤު ހެޔޮ ބައިވެރިއެކެވެ. އެކަހަލަ ކުއްޖަކާ އަހަންނާ އަދި ދިމާ ނުވަނީއެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމުމަށްފަހު ރަށު އޮފީހުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ވަޒީފާއަށް ވަނީއްސުރެ އަހަރެން އަދިވެސް މިހުރީ އެ މަޤާމުގައެވެ. އިތުރަށް ކިޔަވަން ދާން ބޭނުންވި ނަމަވެސް މަންމަ އެކަނި ބަހައްޓާފައި ދާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ދިރިއުޅުމާއިމެދު ޚިޔާލުކުރަން އިނުމަށްފަހު ގަޑިން 11 ޖެހުމާއިއެކު މައި ދޮރޯއްޓާއި ގޭގެ ދޮރު ތަޅުލުމަށްފަހު އަހަރެން ނިދަން އޮށޯތީމެވެ. އަހަންނަކީ ވަރަށް ނިދި ދޫ މީހެކެވެ. ލޯ މެރުނުތާ މާ ގިނަ އިރެއް ނުވާނެއެވެ. އަހަންނަށް ހޭލެވުނީ ބޭރުން "އަޑެއް" އިވޭހެން ހީވެގެންނެވެ. އެއްވެސް ވަރަކަށް ވައި ޖެހޭ ރެއަކަށް ނުވާތީ ވަރަށް ސާފުކޮށް އެއަޑު އަހަންނަށް އިވެއެވެ. އަޑު އަންނަ ދިމާއެއް ދެނެގަންނަން އިރުކޮޅަކު ވިސްނަން އަހަރެން އޮތީމެވެ. އޭރު ގަޑިން ދަންވަރު 12 ޖަހައިފިއެވެ. އަޑު އަންނަނީ ގޯތި ތެރެއިންނެވެ. މަންމައަކީ ގަސް ހައްދަން ފޯރި ހުންނަ މީހެއްކަމުން ގޭ މައި ދޮރުން ގޯތި ތެރެއަށް ވަންނައިރު، ހިނގަން މެދަށް މަގެއް ދޫކުރުމަށްފަހު ދޮރޯށީގެ ދެފަރާތުގައިވެސް ހުންނަނީ އެކި ކަހަލަ ގަސް ހައްދާފައެވެ. ދޮންކެޔޮ، ބަނބުކެޔޮ، އަނބު، ޖޭމު، ބަށި، މިރުސް މިހެން ގޮސް ނަން ހުސްކޮށް ބޮޑެތި ގަސް ހުރެއެވެ. ފެންޑާގައި ބޮތްކެއް އިނެއް ކަމަކު ރޭގަނޑު ގަސްތަކުގެ ތެރެއަށް އެއްވެސް ވަރަކަށް އަލި ކަމެއް ނުފޯރައެވެ.

ފަނަރަ ވަރަކަށް މިނެޓު ވީއިރުވެސް އެއަޑު ނުކެނޑުމުން އަހަރެން މަޑުމަޑުން ތެދުވީމެވެ. އަހަންނަކީ ފިރިހެނެއް ކަމަކު ކަންކަމާ ވަރަށް ޖެހިލުންވާ މީހެކެވެ. ނަމަވެސް ކުރުސިއާ އެނގުނު ހެޔޮ އެއްޗެއް ކިޔަމުން ހިއްވަރުކޮށްލާފައި ތެދުވެ ބޭރު ދޮރު ހުޅުވީމެވެ. އޭރުވެސް އެއަޑު އިވި އިވި ހުއްޓެވެ. ރަށަކީ އަޚުލާޤު ރަނގަޅު މީސްކޮޅެއް އުޅޭ ރަށެއްކަމުން ވަށްކަމުގެ ކަންކަން އެއްވެސް ވަރަކަށް ނޯވެއެވެ. ގޭގޭގެ ވަށާ ފާރުވެސް ހުންނަނީ ވަރަށް ތިރިކޮށެވެ. އަހަރެންގެ ގޭގެ ވަށާފާރު ވެސް ތިރިއެއްކަމަކު ގަސްތަކާހެދި އޮންނަނީ ފޮރުވިފައެވެ. އަހަރެން ދޮރު ހުޅުވާލި އަޑު އިވިގެން ކަންނޭންގެއެވެ. އިވެމުން ދިޔަ  އަޑު ކުއްލިއަކަށް ކެނޑުނެވެ. ދެން އިތުރަކަށް އެއަޑެއް ނީވުނެވެ. އިރޮކޮޅަކު ފެންޑާގައި މަޑުކޮށްލުމަށްފަހު އަހަރެން އަނެއްކާވެސް ދޮރު ތަޅުލާފައި ގޮސް އޮށޯތީމެވެ. އެތައް އިރެއް ވީއިރުވެސް އެއަޑު އެރޭ އަލުން ނީވެއެވެ.

ދުވަސްތައް އާދައިގެ މަތިން ކުރިއަށް ދެއެވެ. އެރޭ އިވުނު އަޑު ފަހުން އަހަރެންނަކަށް ނީވެއެވެ. މަންމަ ބިރު ގަނެފާނެތީ މަންމަ ކައިރީ އަހަރެން އެވާހަކައެއް ނުދައްކަމެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަހަރެން ހުރީ އެކަން މަތިން ހަނދާން ވެސް ނެތިފައެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރު ވިލޭރެއެވެ. އާދައިގެ މަތިން އެގާރަ ޖެހިއިރު އަހަރެން ނިދަން އޮށޯތީމެވެ. ދެބަ ނިދީގައި އޮއްވާ އެއްކަލަ "އަޑު" މަޑުމަޑުން އިވެން ފެށިއެވެ. ހީވަނީ އިސްތަށްޓެއްގެ ދެކޮޅުގައި ހިފުމަށްފަހު މެދުގައި ކޮށްޓާލުމުން އިވޭ ކަހަލަ އަޑެއް ހެންނެވެ. އަޑު އައީ ވަރަށް މަޑުންނެވެ. އިރުކޮޅަކު އަޑު އަހަން އޮތުމަށްފަހު އަހަރެން މަޑުމަޑުން ތެދުވީމެވެ. ހިތަށް އައި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން ވަރަށް މަޑު މަޑުން ގޭ ދޮރު ހުޅުވާލީމެވެ. އަޑު އަންނަނީ މައި ދޮރޯށީ ވާތް ފަޅިން ގަސްތަކާ ދިމާލުންނެވެ. ކިތަންމެ ބިރުން ހުއްޓެއްކަމަކު އަހަރެން މަޑު މަޑުން ގޮސް ގަސްތަކާ ކައިރިވެލީމެވެ. އޭރުވެސް އެއަޑު ނުކެނޑެއެވެ. ގަސްތަކުގެ ތެރެއަށް އަލިކޮށްލަން ބަލާލިއިރު ޖީބުގައި ފޯނެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ކުރުސި ކިޔަވާފައި މަޑުމަޑުން ގަސްތަކުގެ ތެރެ ހާވާލީމެވެ. ގަސްތައް ފޭވާ އަޑު ހަމަ އިވުމާއެކު ކުއްލިޔަކަށް އެ "އަޑު" ކެނޑުނެވެ. ނަމަވެސް އަހަރެންގެ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. އެހެން ނަމަވެސް ދެން ވީ މާ ބިރުވެރި ކަމެކެވެ. ކުއްލިޔަކަށް ބާރު ބާރަށް އެތެރޭގައި ހުރި ގަސްތައް ތެޅިގަތުމަށްފަހު "ބަން" ލާފައި ގޭ ބޭރުން އަޑެއް އިވިގެން ދިޔައެވެ. އަޑު އިވުމާއެކު އަހަރެންވެސް ބަލަން ނުހުރެ މައި ދޮރޯށްޓާ ދިމާއަށް ދުއްވައިގަތީމެވެ. އެދިޔަ ގޮތަށް ގޮސް ދޮރު ހުޅުވާލުމަށްފަހު ދެފަރާތް ހޯދަން ފެށީމެވެ. ނަމަވެސް އެއްވެސް ކަމެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ވަށައިގެންވީ ކަނު އަނދިރިކަމެވެ. ގެއާ ޖެހިގެން ދެފަރާތުގައި ވެސް ހުންނަނީ ފަޅު ދެ ގެއެވެ. ދަންވަރުގެ އެ ހަމަހިމޭންކަމުގައި އެތާ މާ ގިނަ އިރު މަޑުކުރާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންކަމުން އަވަހަށް ގެއަށް ވަދެ ދޮރުތައް ތަޅުލައިގެން އޮށޯތީމެވެ.

އަހަންނަކީ ބަރާބަރަށް ނަމާދުކޮށް، ޤުރުއާން ކިޔަވާ، ވީވަރަކުން މީހުންނަށް އެހީވެދީ، ހެޔޮ ކަންކަން ކުރުމަށް އިސްކަންދޭ މީހަކީމެވެ. ކުއްލިއަކަށް އަހަންނަށް މި ދިމާވާންފެށި ކަމަކާ ހެދި ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. އަހަންނަކީ މާ ގިނަ ރައްޓެހިންތަކެއް ތިބޭ މީހެއް ނޫނެވެ. މިކަހަލަ ކަމެއް ޙިއްޞާކޮށްލާހާ ގާތް މީހަކު ނުހުންނާނެއެވެ. މިކަމާ ކުރިމަތިލާން މިހުރީ ހަމަ އަހަރެން އެކަންޏެވެ. ކިތަންމެ ބިރު ގަތެއް ކަމަކު މިކަން ހޯދުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ. މަންމައާއި އަހަރެންގެ ރައްކަލަކަށްޓަކައެވެ.

ޖެހިގެން އައި ކޮންމެ ރެއަކުވެސް އަހަރެން ދަންވަރު ބާރަ ޖަހަންދެން ހޭލާ ހުރީމެވެ. އަހަރެންގެ ރޭވުމާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވީމެވެ. ކުރުސި ލިޔެފައިވާ ގަނޑުކޮޅު ޖީބަށްލާ ޓޯޗެއް ވެސް އަބަދު ކައިރީގައި ބޭއްވުމަށް އިސްކަންދިނީމެވެ. ނަމަވެސް ހަފްތާއެއް ވެގެން ދިޔަ އިރުވެސް އެކަމުގެ އެއްވެސް ޢަލާމާތެއް ނުފެނުނެވެ. އެހެން ނަމަވެސް އަހަރެން ކޮންމެ ރެއަކުވެސް ނިދަނީ ސިކުނޑި އެކަމަށް ތައްޔާރުކޮށްގެން އޮވެއެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރު ވިލޭރެއެވެ. އެ ކަންތައްގަނޑުގެ އެއްވެސް ހިލަމެއް ނުވާތީ އާދައިގެ މަތިން އެގާރަ ޖެހިއިރު އަހަރެން ނިދަން އޮށޯތީމެވެ. ނިދިގެން މާގިނައިރެއް ނުވެ ކުއްލިއަކަށް ސިއްސައިގެންގޮސްފައި އަހަންނަށް ހޭލެވުނީ އެއްކަލަ "އަޑު" މާ ގަދައަށް އިވެން ފެށުމުންނެވެ. ބަލާކަށް ނޯވެ ތެދުވެ ޓޯޗު އަތަށް ހެޔޮވަރު ކޮށްލާ، ސޯޓު ޖީބުގައި ކުރުސި އޮތްތޯ ޗެކުކޮށްލީމެވެ. ފައިވާނަށްވެސް ނާރާ ފިޔަވަޅުގެ އަޑު އަމިއްލައަށް ވެސް ނީވޭނެހާ މަޑުން ނުކުމެ ދޮރު ހުޅުވާ ގަސްތަކާ ދިމާއަށް މިސްރާބު ޖެހީމެވެ. އެހެން ރޭރެއަށްވުރެ ގަދައަށް އެއަޑު އިވޭތީ އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައިސްދާނެ ހެންނެވެ. ނަމަވެސް ކުރުސިއާ، ފާތިޙާ ސޫރަތާ، ސޫރަތުލް ފަލަޤް، ނާސި އަދި އިޚްލާޞް މެދު ނުކެނޑި ކިޔަމުން މަޑުމަޑުން ގަސްތަކުގެ ތެރެއަށް ވަންނަން ފެށިމެވެ. އަހަރެންގެ އަޒުމަކަށްވީ ވީހާވެސް މަޑު މަޑުން ވަނުމެވެ. އޭރު އަހަރެންގެ މޭގަނޑު ހީވަނީ އަނަގަޔަށް އައިސްދާނެހެންނެވެ. އަޑު އަންނަ ދިމާ ޔަޤީންވުމާއެކު އަހަރެން ކުއްލިއަކަށް އަތުގައި އޮތް ޓޯޗުން އަލިކޮށްލީމެވެ.

ފެނުނު މަންޒަރުން އަހަރެން ސިއްސައިގެން ގޮސް ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. ގަސް ތަކުގެ ތެރޭގައި ލޯމަރާލައިގެން ގިޓައެއް ހިފައިގެން ކުޅެން ހުރީ އަހަރެމެންގެ އަވަށްޓެރި ހައްވައްތަގެ ދަރިފުޅު މުބީނެވެ. ކަންތައްވީ ގޮތް ރަނގަޅަށް ބެލި އިރު މިވީ ވަރަށްވެސް ހީނުކުރާ ގޮތެކެވެ. މުބީނަކީ 14 އަހަރުގެ ކިޔަވާ ކުއްޖެކެވެ. ރަށަކީ މާބޮޑަށް ތަރައްޤީވެފައި އޮތް ރަށަކަށް ނުވެފައި މިޔުޒިކަކީ ރަށު ރައްޔިތުން މާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް މުބީނަކީ ގިޓާ ކުޅެ ލަވަ ކިޔުމަށް މާ ޝައުޤުވެރިވާ ކުއްޖެކެވެ. މުބީންގެ ގޭގައި މުބީންގެ ހަގަށް އަދި 5 ކުދިން ތިބެއެވެ. ގިޓާ ކުޅެ ލަވަ ކިޔުމަކީ މަންމަމެން ހިތްހަމަ ޖެހޭ ކަމަކަށް ނުވެފައި ގޭގައި ކޮއްކޮމެންގެ އުނދަގުލާހެދި މުބީނަށް ގިޓާކުޅެލުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ނުލިބެއެވެ. އަދި މަގުމަތީގައި މިކަން ކުރުމަކީވެސް ރަށު ރައްޔިތުންގެ ބަދު ބަސް ލިބޭކަމަކަށްވަނީ ވެފައެވެ. ވީމާ، ރައްޓެއްސެއްގެ އަތުން ގިޓައެއް ގެނަސް އެކަނި ހުރެ ގިޓާ ކުޅެލަން އޭނާއަށް ފެނުނު އެންމެ ރަނގަޅު ތަނަކީ އަހަރެމެންގޭ ގަސްތައް ތެރެއެވެ. ފަޅު ގޭގެއަށް ވަދެ ހުންނަން ޖެހިލުންވާތީ، ގިޓާ ލިބޭ ދުވަސް ދުވަހުގެ ރޭގަނޑު އެންމެން ނިދުމުން އޭނާ ސިއްރު ސިއްރުން ފާރު މަތިން އަރައިގެން ވަންނަނީއެވެ. އަހަންނަށް މި ވާހަކަތައް ކިޔައިދިން އިރު މުބީން ހުރީ ލަދުން މިލާ މޯޅިވެފައެވެ. ތަކުރާރުކޮށް މިވާހަކަ ސިއްރުކޮށްދިނުމަށް އޭނާ އަހަރެންގެ ކިބައިން އެދުނެވެ. މިއަދާ ހަމައަށް އަހަރެން މި ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވީމެވެ. ވީމާ ކިޔުންތެރީންވެސް މިވާހަކަ ސިއްރުކޮށްދޭށެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން
291011
ގުޅުންހުރި ލިޔުންތައް

15 Responses

  1. Thoo

    Vv kiyaa hithun kiyaalevun.. dhen vaanee kihineh baaey hithaa birun huree aslu.. do write more please ?

  2. Nan

    Vaahaka v meethi… Ekam rahkaatheri vumah jeebah kurusi leethankolhu Kamaku nudhey… jeebah kurusi laigen rahkaatheri kan libeyne kamah gabool kohgen nuvaane… rahkaatheri vumah aharemen nah othy kurusi kiyevun

    • Beybe

      Kureega raajjeyge baeh hisaabuthakuga meehunnah heevefa onna heevumeh aee kurusi gaige hisaabehga misaalakah fashufuluga othumun amilla hashigandah rakkaatherikan libeyne kamah. Ehenve kanneynge egothah genassa eothy.

  3. Aysha

    I love this story. Hope you will write more Sama

  4. DhonKanbulo ♥️

    Huvaa varah birun fahu reyga huree! It’s very creative. Hope you will write more! Looking forward
    ♥️♥️♥️♥️

  5. ރިފޫ

    ވާހަކަ ކިޔަން ފެށިއިރު ހީކުރީ ބިރުވެރި ވާހަކައެއްކަމަށް. ތަންތާ ހިފަހައްޓައިގެން މިކީ?? އަސްލު ވާހަކަ ވަރަށް ފުރިހަމަވެފައި ރީތި? ސަމާގެ މިހާ ރީތި ވާހަކަ އަދިވެސް ނުކުންނާނެ ކަމަށް އުއްމީދު ކުރަން? މިކަމުންވެސް ކުރިއަށް ދިއުމަށް ފެނޭ ! ސަމާއަށް މިކަން ވާނެ އިންޝާﷲ???

  6. Xaahko

    Maasha Allah nice

  7. Asu

    V reethi vaahaka eh … Liyun theriyaa edhun gothah sirru sirru gothuga baavvadheynan
    unmeedhu kuranee miyah vure reethi vaahaka eh kiyaalan libeyne kamah ❤ Ma Sha
    ❤❤❤❤ Allah

    • SHAYAS

      thank you ❤

  8. ފާތުން

    ވާހަކަ ވަރަށް ރީތީ.. ވާހަކަ ކިޔާ ނިންމާފަ ހަމަ ހިނިއައީ.. ތަފާތު ވިސްނުމެއް.. މިވާހަކަ ލިޔުނު ކުއްޖާ އަށް ހަމަ ސާބަސް ދެން… ސަމާގެ އިތުރު ވާހަކަ އަކަށް އިންތިޒާރުކުރަން..

  9. Aisha

    V reethi samage ithuru vahaka ahkah inthizaru kuran

  10. Devil

    Waiting for more stories from this author.

  11. Devil

    An outstanding suspense. We need more authors with these type of concepts.

  12. Angel

    varah reethi vaahaka eh. sama ge ithuru vaahakathakah inthizaaru kuran

    • މަގީލް

      ވަރަށް ރީތި ވާހަކައެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ