އަހަމަދު އިޤްބާލުގެ އަސަރުގަދަ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ”ގެ މައްޗަށް އުފެއްދި ވެބް ސީރީޒް "އެހެނަސް" މިދިޔަ އަންގާރަ ދުވަހު ޕްރީމިއާ ކުރުމާއެކު ސީރީޒް ބަލާލުމަށް އިންތިޒާރުކުރަމުންދިޔަ ގިނަ ބަޔަކަށް މިވަނީ ނިމުންއައިސްފައެވެ.
ބައިސްކޯފު ސްޓްރީމްކޮށް "އެހެނަސް" ދައްކަން ފަށާފައިވާއިރު، ފުރަތަމަ އެޕިސޯޑުންވެސް ސީރީޒްއަށް ހިތްދަމައިގަނެފިއެވެ. “އެހެނަސް ހަމަ ލޯބިވެޔޭ" ވާހަކައެކޭ އެއްގޮތަށް ސީރީޒް ގެ ފުރަތަމަ އެޕިސޯޑުވެސް ހަމަ އެހާ އަސަރުގަދައެވެ.
ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެ، ގަނާ ކުރުމާ ކުރިމަތިވާ، ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ "ނިޔާޒް" ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދޭ، މި ސީރީޒް ފެށިގެން އަންނަނީ، ނިޔާޒުގެ މަންމަ ރޯލު ކުޅެދީފައިވާ "ޝީލާ" ގެ ގެވެހި އެކްޓިންއިންނެވެ.

"ނިޔާޒު" އަށް އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ "ޝިނާޒު" އަދި އެއްބަނޑު "ލީޒާ" ގެ ފަރާތުން ގޭތެރެއިން ގަނާ ކުރުމާއި ކުރިމަތިވާއިރު، ނިޔާޒު ގެ ހިތްވަރު ގަދަކަމާއި، ތިން ދަރިންގެ މަންމަ ގެ ޒިންމާ އެކަނިމާއެކަނި ނަގަމުން، އެ ދަރިންގެ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދިނުމަށް މަސައްކަތް ކުރާ އެ މަންމަގެ ހިތުގައި ޖެހިގެން އަންނަ މަންޒަރު ފެނުމުން ހަމަ އަސްލަށްވެސް ފެންކަޅިވާނެއެވެ.
ސީރީޒްގެ ފުރަތަމަ އެޕިސޯޑުންވެސް މުޖުތަމަޢުގައި ހިނގަމުންދާ އެހެންނަމަވެސް އެކަމަކާއި ގުޅޭގޮތުން އާއްމުކޮށް ވާޙަކަ ނުދެކޭ ގިނަ މައްސަލަތަކެއް ފެންނައިއިރު، ރަވީ މި ސީރީޒްއިން އެ މައްސަލަތައް ދައްކުވައިދެން ކޮށްފައިވާ ހިތްވަރަށް ހަމަ ސާބަހެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 4 ތަރިން ފިޔަވާ ދެން މުޅިން އަލަށްވެސް އާ ފަންނާނުން ސީރީޒްގެ ފުރަތަމަ އެޕިސޯޑުން ފެންނައިރު، މި އާ ތަރިންގެ އެކްޓިން އަށް ބަލާލުމުން މި ފަންނާނުންނަކީ ފިލްމީ ދާއިރާއަށް އާ ތަރިންނެކޭ ނުބުނެވޭނެއެވެ.

"ނިޔާޒު" މުޖުތަމަޢުގެ ތެރެއަށް ނުކުމެ ދިރިއުޅުން ދަސްކުރުމަށް ކުރާ މަސައްކަތް ފުރަތަމަ އެޕިސޯޑުން ފެނިގެންދާއިރު، މަޑުމައިތިރި އަދި ހިތްވަރުގަދަ އެ ކެރެކްޓާ މުހައްމަދު ވިޝާލް ދައްކާފައިވާލެއް ވަރަށްވެސް ފުރިހަމައެވެ. ދެން ލޮލުގައި އެންމެ އަޅައިގަތީ، ނިޔާޒުއަށް ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހު ދިމާވާ ރައްޓެހި "ޝަޒޫ" ގެ ކެރެކްޓާ އެވެ. މި ރޯލު ކުޅެދީފައިވާ ފާތުމަތު ޝަރާގެ އެކްޓިންވެސް ހަމަ އެހާ ފުރިހަމައީއެވެ. ފިލްމްގައި ދެން ފެނިގެންދާ އާ ފަންނާނުންނަށް ބަލާއިރު، "ލީޒާ" ގެ ރޯލުން ފެނިގެންދިޔަ އާމިނަތް ސިލްނީ އަދި "ނީނާ" ކެރެކްޓާއިން ފެނިގެންދިޔަ އާމިނަތު ޝަމާނާ ގެ އެކްޓިންއަށްވެސް ތައުރީފު ޙައްގެވެ.
"އެހެނަސް" ގެ މުހިއްމު ރޯލުތަކުން މިވަގުތު ފިލްމީ ދާއިރާއިން ފެނިގެންދާ ތަރިންގެތެރެއިން ޝީލާ ގެ އެކްޓިން އަށް ކުރާނެ އިތުރު ކޮމެންޓެއް ނެތެވެ. ނިޔާޒުގެ މަންމަގެ ރޯލުން ފެނިގެންދާ ޝީލާގެ އެކްޓިން ހުނަރު ހަމަ އެހާވެސް ނެޗުރަލް ވެފައި މޮޅެވެ. ހަމައެއާއެކު ފިލްމް "ބޮސް" އިން ދެއްކި މޮޅު ހުނަރާއެކު މުހައްމަދު ޔުނާންގެ އެކްޓިންވެސް "އެހެނެސް"ގައި ވަރަށް ފުރިހަމައެވެ.
"އެހެނަސް"ގެ ފުރަތަމަ އެޕިސޯޑު ނިމިގެންދާއިރު ސުވާލުން ފުރިފައިވާ މަންޒަރެއް ފެނިގެންދާއިރު، ވާހަކައާއި ތަފާތުކޮށް މުޅިން އާ ކެރެކްޓާއެއް ސީރީޒްއަށް ތަޢާރަފްކޮށްފައިވެއެވެ. އެއީ ރަޔާންގެ ކެރެކްޓާއެވެ.ރަޔާންގެ ކެރެކްޓާ ސީރީޒްގެ ދެން ހުރި ކެރެކްޓަތަކާއި ގުޅިގެންދާގޮތް އިނގޭނީ ސީރީޒް ގެ ކުރިއަށް އޮތް އެޕިސޯޑުތައް ބަލާލުމުންނެވެ.

ޖުލައި 16 ގައި "އެހެނަސް" ބައިސްކޯފް ސްޓްރީމްކޮށް ދައްކަންފަށާފައިވާއިރު، ހަމަ އެރޭ ސީރީޒްގެ 5 އެޕިސޯޑާއެކު ސިނަމާގައި ހާއްސަ ޝޯއެއްއަޅުވައި ފިލްމް ވަނީ ޕްރިމިއާކޮށްފައެވެ. މީޑިއާއަށް ހާއްސަކޮށްގެން އަދި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަރާތްތައް މި ހާއްސަ އިވެންޓްގައި ބައިވެރިވެފައިވާއިރު، އެ ފަރާތްތައްވެސް ވަނީ "އެހެނަސް"އަށް ތައުރީފުކޮށްފައެވެ. އެގޮތުން ފިލްމީ ދާއިރާގެ އުސް ހަރުފަތުގައި ހަރަކާތްތެރިވާ ފަންނާނުންކަމުގައިވާ އަހުމަދު ސައީދު، އަބްދުﷲ މުއާޒު(މުއާ)، މަހުދީ އަހުމަދު، އަދި އައިޝަތު ފުއާދުފަދަ ފަންނާނުން ވަނީ ސީރީޒް ރަވީގެ މި މަސައްކަތައް ވަރަށް ބޮޑަށް ކަމުގޮސް "ޢެހެނަސް" އަށް ތަޢުރީފުކޮށްފައެވެ.
ހާއްސަކޮށް ފިލްމްގެ ވާހަކަ ފުރިހަމަކޮށް ގެނެސްދޭން ކޮށްފައިވާ މަސައްކަތާއި، ގިނަ އާފަންނާނުންތަކެއް ހިމަނައިގެން ބޮޑު ކާސްޓަކާއެކު ކޮށްފައިވާ މަސައްކަތައް އަދި މުޖުތަމަޢުގައި ހިނގާ މި ނޭދޭވޭ މައްސަލަތައް ސީރީޒްއެއްގެ ސިފައިގައި ގެނެސްދީ މީހުން މިކަމަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މި ބުރަ މަސައްކަތައް ރަވީ އާއި "އެހެނަސް" ގެ ޓީމަށް ޝުކުރު ހައްގެވެ.




