އެސްއޯއެފް އެކައުންޓަށް ޖަމާކުރި ހުރިހާ ފައިސާއެއްގެ ޒިންމާ އުފުލަން ޖެހޭނީ ބީއެމްއެލް - މުސްޠަފާ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި، އެސްއޯއެފް އެކައުންޓަށް ޖަމާކުރި ހުރިހާ ފައިސާއެއްގެ ޒިންމާ އުފުލަން ޖެހޭނީ ބެންކް އޮފް މޯލްޑިވްސް އިން ކަމުގައި ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ވިދާޅުވެފައިވަނީ ޑޮމެސްޓިކް އަދި ފޮރިން އިންވެސްޓަރސް ފައިސާ ދިނީ އެމްއެމްޕީއާރުސީއަށް ކަމަށާއި ފައިސާ ވަގަށް އަދި އިންޓަނޭޝަނަލް ބެންކިންގ ބެސްޓް ޕްރެކްޓިސްއާއި ޚިލާފަށް އެސްއޯއެފް އެކައުންޓަށް ޖަމާކުރީ ބީއެމްއެލްއިން ކަމަށެވެ. އަދި މަނީ ލޯންޑަރ ކުރުމަށް މަގުފަހިކުރީ ވެސް ބީއެމްއެލްކަމަށެވެ. މީގެ އިތުރުން މުސްތަފާ ވިދާޅުވެފައިވަނީ ސަރުކާރުން 1.3 ބިލިއަން ރުފިޔާ ހޯދުމަށް ބީއެމްއެލް މައްޗަށް ދަޢުވާ ކުރަންޖެހޭކަމަށެވެ.

އެމްއެމްޕީއާރުސީ ގެ ފައިސާ ވަގަށް ޕްރައިވެޓް އެކައުންޓްތަކަށް ބެންކް އޮފް މޯލްޑިވްސް އިން 1.3 ބިލިއަން ރުފިޔާ ޖަމާކޮށް މަނީ ލޯންޑަރ ކުރި މައްސަލައިގައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހި ދަޢުލަތާއި އަދި ސަރުކާރުން ބެންކް އޮފް މޯލްޑިވްގެ މައްޗަށް ސިވިލް އަދި ކްރިމިނަލް ދައުވާތައް އުފުލަން ޖެހޭ ކަމަށް މުސްޠަފާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެކައުންޓް ޕޭއީ އޮންލީ ޖަހާ ކްރޮސް ކޮށްފަ އޮތް ޗެކްއެއް އެންޑޯސް ކޮންގެން އެމްއެމްޕީއާރުސީ ނޫން އެހެން އެކައުންޓް އަކަށް ފައިސާ ޓްރާންސްފަރ ނުކުރެވޭނެ ކަމަށް ވުސްތަފާ ވިދާޅުވިއެވެ. މުސްޠަފާ އިތުރަށް ވިދާޅުވެފައިވަނީ "މަދު ބައެއްގެ ވަޒީފާ ސަލާމަތްކުރަން ސަރުކާރު ދަވައެއް ނުލެވޭނެ" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީއިން ކުރި ތަޙުޤީޤުތަކުން އެނގިފައިވާ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ ބެންކް އޮފް މޯލްޑިވްސް އިންވަނީ އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައެވެ. އަދި އެސްއޯއެފް އެކައުންޓުން އެފައިސާ ވަދެފައިވާ އެކައުންޓްތަކުގެ މަޢުލޫމާތުވެސް އެސީސީން ވަނީ އާންމުކޮށްފައެވެ. މި މައްސަލާގެ ފުރިހަމަ ތަޙްޤީގެއް އަދިވެސް ހިންގިފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށް ބުނާ މައްސަލަތައް ފެންމަތިވެ އެކަމާއި ގުޅިގެން ބެންކް އޮފް މޯލްޑިވްސް އަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ބީއެމްއެލް އިން އެފަދަ ކަމެއް ނުކުރާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިއެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ