ކުރިއަށްއޮތް އަޟްހާ އީދަށްް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައްޔާރުވަމުންއަންއިރު، ތިލަދުންމަތީ އުތުރުބުރީގެ ހއ.ދިއްދޫވެސް ފޯރިގަދަ އީދެއް ފާހަގަކުރުމަށް އޮތީ ތައްޔާރަށެވެ. ދިއްދޫގެ ޒުވާނުން އިސްނަގައިގެން އެރަށުގައި ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރީތަށް ވަމުން އަންނައިރު، ދިއްދޫގެ ރައްޔިތުންނަށް މިފަހަރުގެ ބޮޑުއީދު ވަރަށް ފޯރިގަދަވާނެއެވެ.
ދިއްދޫގެ ހީވާގި ޒުވާންކުދިންތަކެއް އިސްނަގައިގެން ބޮޑު ޢީދަށް މުޅި ރަށް ފޯރިގަދަކޮށްލުމަށްޓަކައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، ރާއްޖޭގައި މިވަގުތު ފާހަގަކޮށްލެވޭ އެންމެ މަޤުބޫލު ބޮޑުބެރު ގްރޫޕް "ހަބޭސް" ވެސް ދިއްދޫގައި މިފަހަރު ފާހަގަކުރެވޭ ޢީދުގައި ބައިވެރިވާނެއެވެ.
ކުރިއަށް އޮތް ބޮޑު ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ދިއްދޫ ޒުވާނުން ތައްޔާރަށް އޮތްއިރު މިފަހަރު ދިއްދޫގައި އީދު ޝޯ ދިނުމަށް، "ހަބޭސް ބޮޑުބެރު ގްރޫޕް"އާއެކު މިހާރުވަނީ އެއްބަސްވުމުގައި ސޮއިވެސްކުރެވިފައެވެ. އެޔާއެކު މިފަހަރުގެ މި އީދު ޝޯ ވެގެންދާނީ ދިއްދޫގައި ފާހަގަކުރެވޭ އެންމެ ފޯރިގަދަ ޝޯކަމަށް މިހަރަކާތްތަށް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ދިއްދޫގެ ހުނަރުވެރި ޒުވާން ފަންނާނުންގެ ހުށައެޅުންތަކާއިއެކު މިފަހަރުގެ ޢީދުގެ ހަރަކާތްތަށް ދިއްދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ހަބޭސްގެ "ލެވިޓޭޝަން ބޭންޑް" އަދި "ހަބޭސް ފިއުޝަން" ގެ ފޯރިގަދަ ހުށައެޅުންތައްވެސް ޢީދު ޝޯގައި ފެނިގެންދާނެއެވެ.
ބޮޑު ޢީދުގެ ކޮންމެ ދުވަހަކުވެސް އެކިއެކި ހަރަކާތްތައް ދިއްދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ބޮޑު ޢީދުގެ ދެވަނަ ދުވަހު "ހެބޭސް" އިން ސަޤާފީ ކުޅިވަރުތައްވެސް ރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދިއްދޫގެ މިފަހަރުގެ ބޮޑު އީދު ޝޯއިން ފެނިގެންދާ ރާއްޖޭގެ ޒުވާން މަޝްހޫރު ހުނަރުވެރި ފަންނާނުންނަށް ބަލާއިރު، "ހަބޭސް" ބޮޑުބެރު ގްރޫޕްގެ ތޮލާގު، ބޮޑުބެ، އަދި ޖަވާ ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދިއްދޫގައި ބޮޑު އީދާއި ދިމާކޮށް ކޮންމެ އަހަރަކު ދިއްދޫގެ ޒުވާނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތް "އަޟްހާ އީދު ކަޕް" ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިހަރަކާތްތަށް އިންތިޒާމުކުރާ ފަރާތުން ބުނެފައިވެއެވެ. ދިއްދޫގައި ބާއްވަމުން އަންނަ މި ތާރީޙީ ފުޓުބޯޅަ މުބާރާތް ފަށާނީ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.
ޢީދު ފާހަގަކުރުމުގައި ކުރިންސުރެ ދިވެހިންގެ ސަގާފަތުން ފާހަގަކުރެވޭ "ފެންކުޅި" ކުޅުމާއި ކުލަޖެހުންވެސް ދިއްދޫގައި ކުރިއަށްދާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފައިވާއިރު، މި ނޫނަސް އިތުރު ހަރަކާތްތައް އީދުތެރޭގައި ކޮންމެ ދުވަހަކު ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ދިއްދޫގެ ޒުވާނުން ރަށުގެ ރައްޔިތުންނަށް ދީފައިވެއެވެ.
ދިއްދޫގެ ޒުވާނުން އިސްނަގައިގެން މި ހިންގާ ހަރަކާތްތަކުގައި އެ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދުގެ ފަރާތުން ލިބިލައްވާ އެއްބާރުލުމާއި އެހީތެރިކަން ދިއްދޫގެ ޒުވާނުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދިއްދޫގެ ހުނަރުވެރި ޒުވާނުންނާއެކު، ހަބޭސް ބޮޑު ބެރު ގްރޫޕުން ދިއްދޫގައި ފޯރިގަދަ ޢީދެއް ފާހަގަކުރުމަށް ތައްޔާރަށް އޮތްއިރު މިފަހަރުގެ ދިއްދޫގެ ބޮޑު ޢީދު ވަރަށްވެސް "ހަބޭސް"ވާނެތާއެވެ.




