ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

އެއްމިލިއަން ޑޮލަރު އެއްވެސް ތަނަކަށް ހަވާލުކުރަން އެއްވެސް ފަރާތަކުން ނާންގާ - ރައީސް ޔާމީން

މަނީ ލޯންޑަރިންގެ މައްސަލަ ފެންމަތިވެފައިވާ އެއްމިލިއަން ޑޮލަރު، އެއްވެސް ތަނަކަށް ހަވާލުކުރަން އެއްވެސް ފަރާތަކުން އަންގާފައި ނުވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އަދީބުގެ އަތްޕުޅުގައި ބަހައްޓަވާފައިހުރި އެމަނިކުފާނުގެ ފައިސާ ކަމަށާއި، އެ ފައިސާ ޖަމާކުރީ އެސްއޯއެފް އިންކަން ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"މި ފައިސާ ޖަމާކޮށްފައި އަޙްމަދު އަދީބު އަޅުގަނޑު ކައިރީގައި ބުނި މި ފައިސާ ޖަމާކޮށްފީމޭ، އެހެންނަމަވެސް މި ފައިސާ ޖަމާކުރީ އަޅުގަނޑެއް ނޫން. އަޅުގަނޑަކަށް ނޭނގެ މި ފައިސާ ޖަމާކުރަން ގެންދިޔައީ ކާކު ކަމެއްވެސް، އަދި އެ ފައިސާ ޑިޕޮސިޓް ކުރުމަށްފަހު އަޅުގަނޑުގެ އެކައުންޓަށް ކުރެޑިޓެއްވެސް ނުވޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ ފައިސާއަކީ ޝައްކުކުރެވޭ ފައިސާކަމުން، ބޭންކުން އެމްއެމްއޭއަށް ޤާނޫނުގައި އޮންނަ ގޮތުގެ މަތިން އެނގި ކަމަށާއި، އެމްއެމްއޭއިން މައްސަލަ ބަލާފައި ފައިސާ ޖަމާކުރަން އެންގުމުން ނޫނީ އެފައިސާ ޖަމާވެފައި ނުވާނެ ކަމަށެވެ.

"ކޮންމެ ގޮތަކަށް ލިބިފައި ހުރި ފައިސާއެއް ނަމަވެސް، އަޅުގަނޑުގެ ވިސްނުމުގައި އަޅުގަނޑުގެ އެކައުންޓަށް ޖަމާވީ އަޙްމަދު އަދީބު ދޭންޖެހޭ ފައިސާއެއް ދޭން ބުނީމަ ޖަމާކުރި ފައިސާއެއް. އެސްއޯއެފް އަކާއި އަޅުގަނޑަކާ އެއްވެސް ގުޅުމެއް ނޯންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއްވެސް ތަޙްޤީޤު އިދާރާއަކުން އަޅުގަނޑަކަށް އެ ފައިސާ ހަވާލުކުރާކަށް އަންގާފައެއް ނޯންނާނެ. އަޅުގަނޑު މީ މައްސަލަ ރައްދުވާ މީހާ. އަނގަބަހުންވެސް އަނގާފައެއް ނޯންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ