ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލައުންޑަރިންގ މައްސަލާގެ ޝަރީއަތަށް ދިފާއީ ހެކީން ހުށަހަޅަން ފަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މިއަދުގެ އަޑުއެހުންތައް ނިންމަލައިފިއެވެ.
މިއަދުގެ އަޑުއެހުންތައް ނިންމާލަމުން ގާޒީ ހައިލަމް ވިދާޅުވީ، ދެން ޝަރީއަތުގެ އަޑު އެހުމެއް އޮންނާނީ އޮގަސްޓް ހަތަރު ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ދައުލަތުން ހުށަހަޅާ ހެކިންގެ ހެކި ބަސް ނަގާނެ ކަމަށެވެ.
ދައުލަތުން މިއަދު ވަނީ ޔާމީންގެ މައްޗަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.
ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި، ނައިބު ރައީސް އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ އިތުރުންވެސް ބައެއް އިތުރު ބައެއް ހެކިން ހިމެނެއެވެ.
ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެެވެ.




