މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް "އެވޭޓާ"ގެ ރިކޯޑު މުގުރާލާ މާވެލް ސިނަމެޓިކް ޔުނިވާސްގެ ފިލްމް އެވެންޖާސް އެންޑް ގޭމް އެ ޝަރަފު ހޯދައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ޑިޒްނީއިން ހާމަކުރިގޮތުގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އާމްދަނީއެއްގެ ގޮތުގައި މިހާރު އެވެންޖާސް އެންޑްގޭމްއަށް ލިބިފައިވަނީ 2.79 ބިލިއަން ޑޮލަރެވެ.
ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމްގެ ރިކޯޑު "އެންޑް ގޭމް" މުގުރާލާފައިވާއިރު، 10 އަހަރު ކުރިން ރިލީޒްކުރި "އެވޭޓާ" މި މަގާމުގައި ކުރިން އޮތީ 2.7897 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރި "އެވެންޖާސް : އެންޑްގޭމް" މި ޝަރަފު ހޯދާފައި މިވަނީ، އިތުރު މަންޒަރުތަކަކާއިއެކު ޖޫން މަހުގެ ފަހުކޮޅު އަލުން ރިލީޒްކުރުމަށްފަހުއެވެ.
މާވެލްއިން ފިލްމް އަލުން ރިލީޒްކޮށަފައިވަނީ، "ސްޓޭން ލީ" އަށް ހާއްސަކޮށްފައިވާ ޓްރިބުއްޓަކާއި، އިތުރު މަންޒަރަތަކަކާއި އަދި "ސްޕައިޑަމޭން ފާ ފްރޮމް ހޯމް" ގެ ޓީޒާ ގެ މަންޒަރުތަކަކާއެކުއެވެ.
"އެންޑް ގޭމް" އިން މި ޝަރަފު ހޯދައިފައި މިވަނީ 87 ދުވަހު ތިއޭޓާތަކުގައި ފިލްމް އެޅުވުމަށްފަހުއެވެ. "އެވޭޓާ" އިން މި މަޤާމު ހޯދީ 234 ދުވަހު ފިލްމް ސިނަމާތަކުގައި އެޅުވުމަށްފަހު އަލުން ފިލްމް 2010 ވަނަ އަހަރު ރިލީޒްކުރުމަށްފަހުއެވެ.
"އެންޑް ގޭމް"މި އާ ވާޝަން ރިލީޒް ކުރުމުގެ ކުރިން ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމަށް “އެވެންޖާސް : އެންޑްގޭމް” ވެގެން ގޮސްފައިވާއިރު، މި ފިލްމަށް އާމްދަނީގެ ގޮތުގައި އޭރު ލިބިފައިވަނީ 2.7434 ބިލިއަން ޑޮލަރެވެ.
އެހެންކަމުން 10 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމްގެ މަޤާމުގައި "އެވޭޓާ" އޮތުމަށްފަހު މި ފިލްމް މިހާރު މިވަނީ ލިސްޓްގެ ދެވަނަ އަށް ވެއްޓިފައެވެ. އަދި މި ލިސްޓްގެ 3 ވަނައިގައި މިހާރު ވަނީ 2.187 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު ފިލްމް "ޓައިޓެނިކް"އެވެ.
މާވެލް ސްޓޫޑިއޯގެ ފޭސް 4 ގެ އިތުރު ފިލްމްތައް މިދިޔަ ހޮނިހިރު ދުވަހު އިއުލާކޮށްފައިވާއިރު، "އެވޭޓާ" ގެ ދެވަނަ ބައި ރިލީޒްކުރާނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.




